ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް ދޫކުރި ލޯނު، 161 ކެފޭ، ރެސްޓޯރަންޓަށް ދޫކޮށްފައިވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވެއްޖެއެވެ.
މީގެ ދެދުވަސް ކުރިން ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ކޮންފަރެންސް ގައި އެ އެސޯސިއޭޝަނުން ބުނެފައިވަނީ ކޮވިޑްއާ ގުޅިގެން ވިޔަފާރިތަކަށް ދޫކުރި ލޯނު، ލިބިފައިވަނީ 4 ރެސްޓޯރަންޓަކަށް ކަމަށެވެ.
ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ފައްޔާޒު ވަނީ 161 ކެފޭ ރެސްޓޯރަންޓަކަށް ލޯނު ދޫކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ކޮވިޑް ރިލީފް ފަންޑުގެ ދަށުން މިހާތަނަށް 942 މިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށް ދޫކޮށްފައިވާނެ ކަމަށެވެ. އަދި އެސްޑީއެފްސީ މެދުވެރިކޮށް ކޮވިޑް ރިލީފް ލޯނު 2200 ފަރާތަކަށް 363 މިލިއަން ރުފިޔާ ދޫކޮށްފައިވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކެފޭ ރެސްޓޯރަންޓް ތަކަށްވެސް މި ލޯނު ދޫކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 161 ކެފޭ ރެސްޓޯރަންޓަކަށް 49 މިލިއަން ރުފިޔާގެ ލޯނު ކޮވިޑުން އަރައިގަތުމަށް ދޫކޮށްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ކެފޭ ރެސްޓޯރަންޓް ތަކުގެ ވާހަކަ ނޫސް ތަކުގައި އޮތުމާ ގުޅިގެން ބައެއް މައުލޫމާތު ރަނގަޅު ނޫންކަމުގައި ވާތީ އެކަން ރަނގަޅުކޮށްލަން ބޭނުންވާ ކަމަށެވެ. އަދި އެސްއެމްއީ އިން ލޯނު ދޫކުރެވުނު 156 ފަރާތުގެ ތެރެއިން 90 ފަރާތަކީ ގްރޭޓާ މާލެ ސަރަހައްދައް ނިސްބަތްވާ ކެފޭ ރެސްޓޯރަންޓް ކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ޖުލައި 1 އިން ފެށިގެން ކެފޭ ރެސްޓޯރަންޓްތައް އާއްމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ކޮވިޑްގެ ހާލަތަ މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައި އިތުރުވުމާ ގުޅިގެން ސަރުކާރުން ވަނީ ވަގުތީ ގޮތުން ކެފޭ ރެސްޓޯރެންޓުތަކުންދޭ ހިދުމަތް މެދުކަނޑާލަން އަންގާފައެވެ. މިކަމާ ގުޅިގެން ރެސްޓޯރަންޓް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖުލައި 1 ގައި ކެފޭ ރެސްޓޯރަންޓްތައް ހުޅުވުމަށް ދީފައިވާ ވަގުތަކީ ފަތިހު 04:00 އިން ރޭގަނޑު 08:00 އަށެވެ. އަދި މިގަޑިތަކުގައި ކެފޭ ރެސްޓޯރަންޓްގައި ތިބެގެން ހިދުމަތް ހޯދޭނެއެވެ.