ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 2،152 މިލިއަން ރުފިޔާ ނުވަތަ 2 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު 28 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެކި އިދާރާތަކުން މުޅި ޖުމްލަ 3.9 ބިލިއަން ރުފިޔާ (3،925.3 މިލިއަން ރުފިޔާ) ވަނީ ހަރަދު ކޮށްފައެވެ.
ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 2،152 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު އިގްތިސޯދީ ކަންކަމަށް 1،773.3 މިލިއަން ހަރަދު ކޮށްފައިވާ ކަމަށް ވެސް މި ތަފާސްހިސާބުތަކުން ދައްކައެވެ.
މި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެގޮތުން އެންޑީއެމްއޭ އިން 784.4 މިލިއަން ހަރަދު ކޮށްފައި ވާއިރު، ހެލްތު މިނިސްޓްރީން ވަނީ 843.4 މިލިއަން ހަރަދު ކޮށްފައެވެ.
ކޮވިޑްގެ ކަންކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ އާއި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 29.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާފައި ވެއެވެ.
އޭގެ އިތުރުން ޕްލޭނިން މިނިސްޓްރީން 40.9 މިލިއަން ރުފިޔާ، އެމްއެންޑީއެފުން 67.6 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 54.8 މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 6.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން 1.9 މިލިއަން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 3.3 މިލިއަން، ޖެންޑާ މިނިސްޓްރީން 4.7 މިލިއަން، ފުލުހުންގެ އިދާރާއިން 31.7 މިލިއަންގެ އިތުރުން އިމިގްރޭޝަނުން 0.9 މިލިއަނާއި އައިޖީއެމްއެޗުން 193.2 މިލިއަން، ރުފިޔާ ވަނީ ކޮވިޑާ ގުޅިގެން ހަރަދު ކޮށްފައެވެ.