ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިހާރަށް ވުރެ އިތުރު ފަހިގޮތްތައް ކުރިޔަށް އޮތް ތަނުގައި ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައިއެސްޖީ 2021) ގައި ވާދަ ކުރި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރެއްވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމަށް މަރުހަބާ ވިދާޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ކުޅިވަރުތަކަށް އިތުރު ފުރުސަތުތައް ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އައިއެސްޖީ 2021 ގައި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ނަން ރަން އަކުރުން ފެވިގެންދާނެ ފަދަ ކާމިޔާބީއެއް ކަމަށެވެ. ކުރިން ރާއްޖެއަށް ގިނަ ކާމިޔާބީތައް ހާސިލުކޮށްފައި ވަނީ ސަރަހައްދީ މުބާރާތްތަކުގައި ކަމަށާއި ނަމަވެސް މި ފަހަރުގެ މި ކާމިޔާބީއާއެކު ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް މިއަށްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަގީންކަން މިހާރު ލިބިވޑައިގެންފި ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރުތައް ތަރައްގީ ކުރުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށާއި މި ކަންކަން މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުދިންގެ ހުނަރު އިތުރަށް ތަރައްގީކޮށް، މުބާރާތްތަކުގައި ބައިވެރިވޭނެ ފުރުސަތުތައް އިތުރުކޮށް ދިނުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ރާއްޖޭގެ އެތުލީޓުން ބޭރުގެ އެކި ކުޅިވަރު މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރުމުން ކުޅިވަރުގެ ދާއިރާއަށް ލިބޭ ކުރިއެރުންތަކާއެކު އެއީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އިތުރަށް މަޝްހޫރުވެ ރާއްޖޭގެ މަގްބޫލު ކަން އިތުރުވެގެން ދިއުން ފަދަ އެތައް ފައިދާތަކެއް އެކުލެވޭ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

އައިއެސްޖީ 2021 ގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމަށް މަރުހަބާ ވިދާޅުވުމުގެ ގޮތުން މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.