ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އެޅި 4،000 ފްލެޓުގެ ކުލި، މި ސަރުކާރުން ބޮޑު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި އެމްޑީޕީ ވެރިކަމެއްގައި ޕްލެޓްތަކުގެ ކުލި ކުޑކޮށްދޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަށް އެމްޑީޕީން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔާއި އަދި މަރާމާތުގެ ފީއާއި އެކު ޖުމްލަ 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރަން ނިންމިއިރު، ދެ ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔާއި މަރާމާތުގެ ފީއާއި އެކު ޖުމްލަ 6،000 ރުފިޔާ ނެގުމަށް އޭރު އެމްޑީޕީ ސަރުކާރުން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް މި ސަރުކާރުން ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށް ނިންމާ އަދި ފްލެޓްގެ ފީގެ ގޮތުގައި 9،000 ރުފިޔާ ނެގުމަށް ނިންމާފައެވެ. މީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނަގާއިރު ކުއްޔަށް 7،000 ރުފިޔާ ނެގުމަށާއި މެއިންޓެނެންސް ފީއަށް 1,000 ރުފިޔާ ނެގުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުގެ މި ނިންމުމާއި މެދު ކަންބޮޑުވުންފާޅުކުރައްވަމުން ސޯލިހް ވިދާޅުވީ މި ސްކީމްގައި ފްލެޓް ލިބޭ މީހުންގެ އަތުން އެޑްވާންސަށް އެއްވެސް ފައިސާއެއް ނެގުމަށް އޭރު ނިންމާފައި ނުވާކަމަށެވެ. އަދި އޭރު ސަރުކާރުން ނިންމާފައިވަނީ ފްލެޓަށް ހޯދަންޖެހެ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާން ގަތުމަށް ލުއި ދިނުމުގެ ގޮތުން ފްލެޓްގެ ކުލި ދައްކަން ފެށުމަށް ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށްކަމަށެވެ.

މީގެ އިތުރުން މަހު ކުލި 26 ވަނަ ދުވަހަށްވުރެ ލަސްވެއްޖެނަމަ، 2 ކޮޓަރީގެ ފްލެޓުން އިތުރަށް 2،000 ރުފިޔާ އަދި 3 ކޮޓަރީގެ ފްލެޓުން އިތުރަށް 4،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ނިންމާފައިވާ ނިންމުމަކީ ދަތި ހާލުގައި މާލެ ސަރަހައްދުގައި އުޅެމުންދާ ރައްޔިތުންނަށް ސަރުކާރުންވެފައިވާ ބޮޑު ބޭއިންސާފެއްކަމަށް ސޯލިހް ވިދާޅުވިއެވެ. ދައުލަތުން ނިންމާފައިވާ އާންމު ރައްޔިތުންނާއި ގުޅުންހުރި އެފަދަ ނިންމުންތައް ބަދަލުކުރުމަކީ ދައުލަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއްކަން ފާހަގަކުރައްވަމުން ސޯލިހް ވަނީ ކުރިން ހަމަޖައްސާފައިވާ ގޮތަށް ކުލި ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ.