"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގައި އަޅަން ފެށި 4،000 ފްލެޓުގެ މަސައްކަތުން ބައެއް އުނިކޮށްފައި ވާކަމަށް ދެކެވޭ ވާހަކަތަައް އިދިކޮޅު އެމްޑީޕީން ދޮގު ކޮށްފިއެވެ.
އެމްޑީޕީން މިހެން ބުނެފައި ވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ދެއްކެވި ވާހަކަތަކަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ހަމްދާން ވަނީ މިހާރު އެ ފުލެޓުތަކުގައި ކުރެވެމުން ދަނީ އިބޫގެ ސަރުކާރުގައި ނުކުރަން ނިންމި މަސައްކަތްތައް ކަމަށާއި، އެ ފުލެޓުތަކަށް ކުރީ ސަރުކާރުގައި ކަރަންޓާއި ފެނާއި އިންޓަނެޓު ލިބޭ ގޮތް ރާވާފައި ނެތް ކަމަށެވެ. އަދި މި މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް ހަމްދާން ވަނީ ވިދާޅުވެފައެވެ.
މިވާހަކަތަކަށް ރައްދުދެމުން އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން މަސައްކަތްތަކެއް އުނިކޮށްފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތައް ފަތުރަމުން ދަނީ އެ ފްލެޓުތައް މީހުންނާ ހަވާލު ކުރަން ފެށުނުއިރު ވެސް މި ސަރުކާރުގެ ނާގާބިލްކަމުގެ ސަބަބުން މަސައްކަތްތައް ނުކުރެވި ހުރުމުން އެކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.
އެމްޑީޕީން ބުނީ ހުރިހާ ފުލެޓުތަކުގައި ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކާއި ފޯނު ލައިނާއި ޓީވީ ކޭބަލާއި އިންޓަނެޓް ކޭބަލް ގުޅުމާ އެއްކޮށް ޒަމާނީ ފެންވަރަށް އޭރު ފަރުމާކޮށްފައި ވާނެ ކަމަށާއި، ސަލަމާތީ ގޮތުން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ވެސް ފުރިހަމަކޮށްފައި ވާނެ ކަމަށެވެ. އެއާއެކު އެމްޑީޕީން ވަނީ މި މަސައްކަތް ތަކަކީ އިމާރާތްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުން ނިންމުމުން ސަރުކާރާއި އެފްޑީސީ ގުޅިގެން ކުރަންޖެހޭ ކަންކަން ކަމުގައި ބުނެފައެވެ.
އެމްޑީޕީން އިތުރަށް ބުނީ އެއްބަސްވުމުން ކަމެއް އުނިކުރެވޭނީ އެ ކަމެއް އެއްބަސްވުމުގައި ހިމަނާފައިވާ ނަމަ ކަމަށާއި، އެކަންކަން ކުރުމަށް ތައްޔާރު ވުމަށް 2022 ވަނަ އަހަރުން ފެށިގެން އެކި މަޝްވަރާ ބައްދަލުވުންތައް ބާއްވާފައި ވާކަމަށެވެ.
އެއާއެކު އެ ޕާޓީން ވަނީ ފުލެޓުތަކުގައި މީހުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް އަވަހަށް ގާއިމުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި މި ފްލެޓުތަކާއި ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ 4،000 ފްލެޓުގެ ކުލި، މި ސަރުކާރުން ބޮޑު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި އެމްޑީޕީ ވެރިކަމެއްގައި ޕްލެޓްތަކުގެ ކުލި ކުޑކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަށް އެމްޑީޕީން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔާއި އަދި މަރާމާތުގެ ފީއާއި އެކު ޖުމްލަ 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރަން ނިންމިއިރު، ދެ ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔާއި މަރާމާތުގެ ފީއާއި އެކު ޖުމްލަ 6،000 ރުފިޔާ ނެގުމަށް އޭރު އެމްޑީޕީ ސަރުކާރުން ވަނީ ނިންމާފައެވެ.
ނަމަވެސް މި ސަރުކާރުން ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށް ނިންމާ އަދި ފްލެޓްގެ ފީގެ ގޮތުގައި 9،000 ރުފިޔާ ނެގުމަށް ނިންމާފައެވެ. މީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނަގާއިރު ކުއްޔަށް 7،000 ރުފިޔާ ނެގުމަށާއި މެއިންޓެނެންސް ފީއަށް 1,000 ރުފިޔާ ނެގުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.