ވ. އަތޮޅު ރަކީދޫ ކައިރީގައި އޮންނަ ފަރަކަށް އޭއެމް އާގަމް ނަމަކަށް ކިޔާ އުޅަނދެއް އެރި މައްސަލައިގައި އެ ބާޖުގެ ވެރި ފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން ބުނީ، "AM AAGAM" ނަމަކަށް ކިޔާ ބާޖު މޭ 1 ވަނަ ދުވަހު ވ. އަތޮޅު މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑުއޮޅިން ވަނުމުގެ ތެރޭގައި އެ ބާޖު އެ ކަނޑު އޮޅީގައި އޮންނަ ފަރަކަށް އަރާފައިވާ ކަމަށެވެ.

މި އުޅަނދަކީ އިންޑިއާއިން ހިލަ ހިފައިގެން އައި ޓަގް ބޯޓާއެކު ވ. ރަކީދޫއަށް ދަތުރު ކުރަމުން ދިޔަ އުޅަނދެއް ކަމަށްވެސް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ، ފަރަށް އެރުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގާ 100 މިލިއަން ރުފިޔާއިން އެ އުޅަނދު ޖޫރިމަނާކޮށް އެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓު މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާނެ ކަމަށެވެ. އީޕީއޭއިން ބުނީ، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށެވެ.

ބާޖު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭއިން އެ އުޅަނދުގެ ވެރިފަރާތާ ގުޅިގެން އެ ސަރަހައްދު ބަލައި ޖޮއިންޓް-ސަރވޭއެއް ކޮށްފައިވާ ކަމަށާއި އެގޮތުން ބެލިބެލުމުން އެ ފަރުގެ 6054 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖުރިމަނާއާއި ބަދަލަކީ 152،569،800 ރުފިޔާކަމަށެވެ. ނަމަވެސް ގާނޫނުގެ ދަށުން ކަނޑައެޅޭ އެންމެ ބޮޑު ޖުރިމަނާއަކީ 100 މިލިއަން ރުފިޔާ ކަމުން 100 މިލިއަން ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ޖުރިމަނާ ކޮށްފައިވާ ކަމަށެވެ.

ބާޖު ފަރަށް އަރައިގެން ލިބުނު ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއެކު ފަށާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.