މިދިޔަ ހޮނިހިރު ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރާލި، އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާ އޭނާގެ އުފަން ރަށް، ފުވައްމުލަކު ސިޓީގައި ރޭ ބާއްވައިފިއެވެ.

ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ހަށިގަނޑު އިންޑިއާއަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު، ހަށިގަނޑު އަނބުރާ ގެނެސްފައި ވަނީ ހޮނިހިރުގައެވެ.

އޭނާގެ ޖަނާޒާ ކުރިއަށް ގެންދިޔައީ ރޭ އިޝާ ނަމާދަށް ފަހު، ފުވައްމުލަކުގެ މަސްޖިދުލް އިނާރާ (ބޯޅަ މިސްކިތް) ގައެވެ.

އަނިޔާވެރި ގޮތަކަށް ޝިއާއު މައްސަލައިގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރީ 22 އަހަރުގެ އަލީ ޝާހިލެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކޮށްފައި ވާއިރު، އޭނާ އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ފުލުހުން އޭރު ބުންޏެވެ. އެހެންކަމުން، އޭނާ ޝިއާއު އަށް ހަމަލަދީ މަރާލަން ޖެހުނު ސަބަބެއް ނޭނގެއެވެ.

ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. ހައްޔަރުކުރި އިރު އިރު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.