އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ "ސްޓްރޭންޖާ ތިންގްސް" ގެ ފަހު ބަޔަށް އާ ކެރެކްޓާއެއް އުފަން ނުކުރާނެ ކަމަށް އެ ޝޯގެ ކްރިއޭޓަރުން ކަމަށްވާ ޑަފާ ބްރަދާސް ބުނެފިއެވެ.

ޑަފާ ބްރަދާސް އެކަން އިއުލާންކުރީ މި ސީރީޒްގެ ފަހު ބަޔަށް އާ ކެރެކްޓާއެއް ގެންނަން އުޅޭކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. ސީރީޒްގައި ނޭންސީގެ ރޯލު ޓިކްޓޮކާ އެޑިސަން ރެއި އަށް ދޭން އުޅޭ ކަމަށްވެސް އޭރު ރިޕޯޓްތައް ބުންޏެވެ. ނަމަވެސް އެކަން ދޮގުކޮށް ޑަފާ ބްރަދާސް އިން ބުނީ މި ސީރީޒް އަށް ކޮންމެ ކެރެކްޓާއެއް ވެސް އުފަން ކުރާއިރު ވަރަށް ވިސްނަން ޖެހޭ ކަމަށެވެ.

"އަހަރުމެންނަށް މިއޮތީ އެއްވަނައިގެ ކާސްޓެއް ލިބިފައި. ކޮންމެ ކެރެކްޓާއެއް ގެނައިކަމުގައި ވީނަމަވެސް ބަލަންޖެހޭ ދެން ތިބި ކާސްޓުންނާ ގުޅުވާލައި އާންމުންނަށް ކަމުދާނެ ގޮތަކަށް އެ ކެރެކްޓާ ގެނެސްދިނުމަށް. އޭގެ ތެރެއިން އެއް ކެރެކްޓާ އެއީ އެޑީ. އެ ރޯލަށް ވެސް ބޮޑު ތަރުހީބެއް ލިބުނު. ފަހު ސީޒަން ކަމުން އިތުރު ކެރެކްޓާއެއް ބިލްޑް ކުރުމުގެ ވިސްނުމެއް ނެތް،"

ސްޓްރޭންޖާ ތިންގްސްގެ ހަތަރު ވަނަ ސީޒަން ނުކުތީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ސީޒަން އަށް ވެސް ވަނީ ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބިފައެވެ. މި ސީޒަންގައި ވެކްނާ އަކީ ކާކުކަމާއި އިލަވަންގެ ގެއްލިފައިވާ ބާރުތައް އަލުން ލިބިގެންދިޔައެވެ. އަދި ވެކްނާ އާއި ހަނގުރާމަ ކުރަމުން ގޮސް އެޑީ މަރުވެ މެކްސް ކޯމާއަކަށްވެސް ދެއެވެ. މި ސީޒަން ނިމިގެންދިޔައީ ނޭވާ ހިފަހައްޓާލައިގެން ތިއްބައެވެ. ފަހު ސީޒަނަށް އުންމީދު ކުރަމުންނެވެ.

މި ސީރީޒްގެ ފަހު ސީޒަން ކުރީ ސީޒަންތަކަށް ވުރެ މާ ރީތިވެފައި ފުރިހަމަ ވާނެކަމަށް ޑަފާ ބްރަދާސް އިން ބުނެއެވެ. ސްޓްރޭންޖާ ތިންގްސް ގެ ފަހު ސީޒަން ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. ބެލެވޭގޮތުގައި ފަސް ވަަނަ ސީޒަން އާންމުންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ ފަހުކޮޅޫ ނުވަތަ 2024 ވަނަ އަހަރުގައެވެ.