ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "އައުޓާ ބޭންކްސް" ގެ ތިން ވަނަ ސީޒަން އަންނަ އަހަރު ރިލީޒްކުރާނެ ކަމަށް ހަބަރުތައް ބުނެފިއެވެ.

މި ސީރީޒްގެ ދެވަނަ ސީޒަން މިދިޔަ މަހު ނެޓްފްލިކްސްގައި ސްޓްރީމް ކޮށްފައިވާއިރު މި ސީރީޒްގެ ތިން ވަނަ ސީޒަންގެ ޝޫޓިން މި އަހަރު ކުރީކޮޅު ފެށުންކަން ޕްރޮޑަކްޝަން ޓީމުން ބުންޏެވެ. ދާދިފަހުން ސީރީޒްގެ މައި އެއް ކެރެކްޓަރު ޖޯން ބީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނީ އަވަސް މުސްތަގްބަލެއްގައި ބައްދަލުވާނެ ކަމަށެވެ. އެއާއެކު ގިނަ ބަޔަކު ގަބޫލުކުރީ މި ސީރީޒްގެ ތިން ވަނަ ބައިގެ ޝޫޓިން ނިންމާލި ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެކަމެއް ހާމަކޮށްފައެއް ނުވެއެވެ.

"އައުޓާ ބޭންކްސް"ގެ ޝޫޓިން ނިމުނު ކަމުގައިވާނަމަ އަންނަ އަހަރުގެ ކުރީކޮޅު ނެޓްފްލިކްސްގައި ސީރީޒް ސްޓްރީމް ކުރަން ފަށާނެ ކަމަށް ބެެލެވެއެވެ. ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒަކީ ޝައުގުވެރި ގިނަ ކަންތައްތަކެއް ހިމެނޭ ޝޯއެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.

މި ސީރީޒްގައި ހިމެނޭ މައިގަނޑު ތަރިންނަކީ މެޑްލީން ކްލައިން (ސާރާ)، ޗޭސް ސްޓޯކްސް (ޖޯން ބީ)، ރޫޑީ ޕެންކޯ (ޖޭޖޭ)، މެޑިސަން ބެއިލީ (ކީ) އަދި ޖޯނަތަން ޑޭވިސް (ޕޯޕް) އެވެ.