ބޮލީވުޑްގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ އާމިރު ހާން އާއި އަކްޝޭ ކުމާރުގެ ދެ ފިލްމު ވެސް ފްލޮޕް ވެއްޖެއެވެ.
އާމިރުގެ "ލާލް ސިންހް ޗައްޑާ" ބުރާސްފަތި ދުވަހު ތިއޭޓާތަކުގައި އަޅުވާފައިވާއިރު އެ ފިލްމަށް މިހާތަނަށް ލިބިފައިވަނީ އެންމެ 08.25 ކުރޯޑެވެ. މި ފިލްމު ހެދުމަށް ވަނީ 1.8 ބިލިއަން އިންޑިއަން ރުޕީސް ހަރަދުވެފައެވެ. މި ފިލްމު ބޮއިކޮޓް ކުރުމަށް އާންމުން މިހާރުވެސް ގޮވަމުންދާއިރު ފިލްމުގެ ބަތަލާ ކަރީނާ ކަޕޫރު ހާން ވަނީ ފިލްމު ބޮއިކޮޓް ނުކުރުމަށް އާދޭސްކޮށްފައެވެ. އަދި އިހުތިޖާޖު ނުކޮށް ފިލްމު ރަނގަޅަށް ބެލުމަށް ވެސް އެދިފައެވެ. ބޮލީވުޑްގެ މަޝްހޫރު ކްރިޓީކް ކަރަން އާދަޝް ބުނީ މި ފިލްމަކީ ބޮޑު ޑިސަޕޮއިންޓްމަންޓެއް ކަމަށާއި ފިލްމުގެ ސްކްރީންޕްލޭ ވެސް ކަމު ނުދާ ކަމަށެވެ. އޭނާ މި ފިލްމަށް ދީފައިވާ ރޭޓިން އަކީ ފަހަކުން ދޭކެވެ.
މި ފިލްމަކީ ހޮލީވުޑްގެ ޑައިރެކްޓަރު ޓޮމް ހޭންކް ގެނެސްދިން "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރީމޭކްއެކެވެ.
އާމިރުގެ މި ފިލްމު ފްލޮޕްވުމުގެ އިތުރުން އަކްޝޭ ކުމާރުގެ "ރަކްޝާ ބަންދަން" އަށް ވެސް ވަނީ ބޮޑު މާޔޫސްކަމަކާ ކުރިމަތިވެފައެވެ. މި ފިލްމަކީ އަކްޝޭގެ ފިލްމީ ކެރިއަރުގައި ވެސް އެންމެ އޯޕަނިން ދަށް ފިލްމެވެ. މި ފިލްމުގެ އޯޕަނިން އަށް ލިބިފައިވަނީ އެންމެ އަށް ކުރޯޑު ރުޕީސްއެވެ. މި ފިލްމަށް އައިއެމްޑީބީ އިން ރޭޓްކޮށްފައި ވަނީ 10 އަކުން ހަތަރެކެވެ. ގިނަ ބޭރުގެ ނޫސްވެރިންނަށް މި ފިލްމު ކަމުނުދިޔަ ނަމަވެސް މި ފިލްމަށް ކްރިޓީކް ތަރަން އާދަޝް ދިނީ 3.5 ގެ ރޭޓިން އެކެވެ.
އާނަންދު އެލް ރާއީ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގައި އަންހެން ބަތަލާގެ ރޯލު ކުޅެފައިވަނީ ކާމިޔާބު ބަތަލާ ބޫމީ ޕެޑްނޭކަރު އެވެ.