ބޮލީވުޑްގެ ހިތްގައިމު ޖޯޑު ދިޝާ ޕާޓްނީ އާއި ޓައިގާ ޝްރޮފް ރުޅިނުވާ ކަމަށް ހަބަރުތައް ބުނެފިއެވެ.
މިދިޔަ މަހު މި ތަރިން ރުޅިވި ކަމަށް ޚަބަރުތައް ރިޕޯޓްކުރި ނަމަވެސް ޕިންކްވިލާއިން ބުނީ މި ދެތަރިން ރުޅިނުވާ ކަމަށާއި ރުޅިވި ކަމަށް ދެކެވޭ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ދިޝާ އާއި ޓައިގާ ރުޅިވި ކަމަށް އޭރު ގިނަ ހަބަރުތައް ރިޕޯޓްކުރީ ޓައިގާ އާއި ދިޝާގެ ގުޅުމަށް ޓައިގާ އެއްވެސް ވަރަކަށް ކޮމިޓްނުވާތީ ބުނެއެވެ. އަދި ދެ މީހުން އެއްކޮށް ދިރިއުޅެމުން ގެންދާއިރު މި އަހަރު ކައިވެނިކުރަން ނުނިންމާ ކަމަށް ޓައިގާ ބުނުމުން ކަމަށެވެ.
ނަމަވެސް ޕިންކްވިލާއިން ޓައިގާ ގެ ގާތް މީހަކާ ހަވާލާދީ ބުނީ ކޮންމެ ދުވަހަކު ވެސް ދިޝާ ޓައިގާ ގެ ގެއަށްދާ ކަމަށާއި ދެމީހުން ގިނައިން ވަގުތު ހޭދަކުރަނީ ވެސް އެކުއެކީ ކަމަށެވެ. އަދި ދެމީހުން ޖިމަށް ދަނީ ވެސް އެކުގައި ކަމަށެވެ. ގިނަ ބަޔަކު މިހާރު ގަބޫލުކުރަނީ ދިޝާ އާއި ޓައިގާ ރުޅިވީ ކަމަށް އޭރު ދެކެވުނު ވާހަކަތަކަކީ ދިޝާގެ ފިލްމު "އޭކް ވިލަން ރިޓާންސް" ޕްރޮމޯޓްކުރަން ޖެއްސި ސްޓަންޓެއްގެ ގޮތުގައެވެ.
ކުޅަދާނެ ދެތަރިން އެންމެ ފުރަތަމަ ދިމާވީ ވީޑިއޯ ލަވަ "ބޭފިކްރާ" ގެ ތެރެއިންނެވެ. އޭގެ ފަހުން ދެތަރިން ގާތް އެކުވެރިންނަށްވެ ލޯބިވެވުނީއެވެ. 2016 ވަނަ އަހަރުން ފެށިގެން މި ދެތަރިން އުޅެނީ އެކުގައެވެ. ދިޝާ އާއި ޓައިގާ އެކުގައި ފެނިގެންދިޔަ ފިލްމަކީ "ބާގީ 2" އެވެ.
ބަތަލާ ދިޝާގެ "އޭކް ވިލަން ރިޓާންސް" އަށް އަންނަނީ ގިނަ ބަޔަކު ތައުރީފްކުރަމުންނެވެ.