ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަގުބޫލު ޖޯންސަން އެންޑް ޖޯންސަން އިން އުފައްދަ ވިއްކަމުން އަންނަ ޓެލްކް ބޭބީ ޕައުޑާ (ކުޑަކުދިންގެ ފުށްދަޅު) ވިއްކުން ހުއްޓާލަން ނިންމައިފިއެވެ.

ރާއްޖޭގައި ވެސް ވަރަށް އާންމުކޮށް ވިއްކަން ހުންނަ މި ފުށްދަޅު ވިއްކުން ހުއްޓާލަން ޖޯންސަން ކުންފުނިން ނިންމީ، އެ ފުށް ބޭނުން ކުރުމުން ބައެއް މީހުންނަށް ކެންސަރު ޖެހޭ ކަމުގެ ޝަކުވާތައް ބޮޑުވެ އެ ކުންފުންޏާ ދެކޮޅަށް އެތައް ދައުވާތަކެއް އުފުލާފައި ވުމުގެ އިތުރުން، ޓެލްކު ހިމެނޭ ފުށުގެ މަގުބޫލުކަން ކުޑަވަމުން އަންނާތީއެވެ.

2020 އިން ފެށިގެން އެމެރިކާ އަދި ކެނެޑާގައި އެފުށް ބޭނުމެއް ނުކުރެއެވެ. އަދި މިހާތަނަށް ކެންސަރުގެ އަލާމާތްތައް ފެނިގެންނާއި އެ ފުށްދަޅުގައި ސަމާލު (ވާނިންގް) މެސެޖް ލިޔެފައި ނުހުންނާތީ ބަދަލު ހޯދުމުގެ 4.7 ބިލިއަން ޑޮލަރުގެ ދައުވާ އެކުންފުންޏާ ދެކޮޅަށް އެކި ފަރާތްތަކުން އުފުލާފައި ވެއެވެ.

ޓެލްކް ހިމެނޭ އެހެން ބައެއް ބްރޭންޑްތަކުގެ ފުށްދަޅުގައި ސަމާލު މެސެޖް އޮތް ނަމަވެސް ޖޯންސަން ފުށްދަޅުގައި ސަމާލު މެސެޖް ނުޖަހަނީ، އެ ފުށާ މެދު އެ ކުންފުންޏަށް ގެރެންޓީ އޮންނާތީ ކަމަށާއި ސަމާލު މެސެޖް ލިޔެފިނަމަ އެ ފުށްދަޅު ގަންނަ ފަރާތްތަކަށް އޮޅުން އަރާނެތީ ކަމަށް އެކުންފުނިން ބުނެއެވެ.

ޓެލްކް އަކީ، މެގްނީޒިއަމް އާއި ސިލިކޯން އަދި އޮކްސިޖަންގެ އިތުރުން ނައިޓްރޯގަންވެސް ހިމެނޭ ގުދުރަތީ މިނަރަލް އެކެވެ.

ޓެލްކް ފުށް ބޭނުން ކުރި ބައެއް އަންހެނުން ޖޯންސަންސް އާ ދެކޮޅަށް ދައުވާ އުފުލީ އެމީހުން ކުރިމަރި ފަރާތުގައި ނުވަތަ ފައިވަޅުގައި އެފުށް ހޭކުމުން ކެންސަރަށް މަގުފަހިވާ މިންވަރު ބޮޑުކަމަށް ސައިންސްގެ ހޯދުންތަކުން ދައްކާފައި ވާތީއެވެ.

ޖޯންސަންސް އިން ނިންމާފައި ވަނީ 2023 ގެ ފަހުން މި ފުށްދަޅު، ޓެލްކް ބޭނުން ކޮށްގެން އުފެއްދުން ހުއްޓާލައި ކޯންސްޓާޗް ނުވަތަ ކޯންފްލާ ބޭނުން ކޮށްގެން އުފެއްދުމަށެވެ.