އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މިއަދު ހެނދުނު ވެލާނާ އެއާޕޯޓުން ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.
ރާއްޖެއަށް އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ޗެކް ރިޕަބްލިކްގެ ރައްޔިތެއް ކަމަށްވާ ޑެނިއެލާ ކިލްނަރޯވާއެވެ. ބޮޑުބެރުގެ ހަރަކާތްތަކާ އެކު އޭނާ އަށް ވަނީ މަރުހަބާ ކިޔައިފައެވެ.
މި އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި އެއް މިލިއަން ފަތުރުވެރިޔާ އަށް މަރުހަބާ ކިއުމަށް ބޭއްވި ހަރަކާތުގައި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ އިތުރުން، އިމިގްރޭޝަނާއި އެމްއޭސީއެލްގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.
ޑެނިއެލާ ރާއްޖެ އަށް އައިސްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓަކުންނެވެ. މީޑިއާ އަށް ދިން މައުލޫމާތުގައި ޑެނިއެލާ ބުނީ، މިއީ އޭނާ ރާއްޖެ އަށް އައި ތިންވަނަ ފަހަރު ކަމަށާއި، ރާއްޖެ އަކީ ހިތްހަމަޖައްސާލަން އެންމެ ކަމުދާ މަންޒިލް ކަމަށެވެ. އޭނާ ބުނި ގޮތުގައި މިއީ އޭނާ ރާއްޖެ އަށް އައި ތިންވަނަ ފަހަރެވެ.
މިއަދު ބޭއްވި ހަރަކާތުގައި މީޑިއާ އާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސޯލިހު ވިދާޅުވީ، ތާރީހަށް ބަލާއިރު، އަހަރުގެ މިހާ ހިސާބަށް ދާއިރު، ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އައިސްފައި ވަނީ އެންމެ އަހަރަކު ކަމަށެވެ. އަދި އަމާޒަކީ ސަރުކާރުން ކަނޑައަޅާފައިވާ 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ނޮވެމްބަރުގައި ވާސިލްވުން ކަމަށް، އޭނާ ވިދާޅުވިއެވެ.
މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަށް އައީ 2019 ގައެވެ. އެ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އަށް އައިސްފައިވެއެވެ.
ރާއްޖެ އަށް އެންމެ ގިނައިން މި އަހަރު ފަތުރުވެރިން އައިސްފައި ވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެ ގައުމުން 140،000 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި އިނގިރޭސިވިލާތުން 110،000 ފަތުރުވެރިން، އަދި ރަޝިއާއިން 103،000 ޓޫރިސްޓުން އައިސްފައިވެއެވެ.