ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔާލުފުޅާއި ޔާމީންގެ ހިޔާލުފުޅު އެއްގޮތް ވަނީ ވެރިކަން ކުރާ ނިޒާމުގެ މައްސަލާގައި އެކަނި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ވެރިކަމުގެ ނިޒާމަކަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމުކަމުގައި ވިޔަސް ރާއްޖެފަދަ ކުޑަ ގައުމަކަށް އެ ނިޒާމު ނުފެތޭ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެކަމުގައިވެސް ނަޝީދު ގެންގުޅުއްވާ ސިޔާސަތުތަކަކީ ރަނގަޅު ސިޔާސަތުތަކެއް ނޫން ކަމަށާއި ބަރުލަމާނީ ނިޒާމެއް ގެންނަން ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް ނަޝީދު ގެންގުޅުއްވަނީ އިސްލާމީ ވެއްޓަށް ފެތޭ ޑިމޮކްރެސީ އެއް ނޫން ކަމަށެވެ.
އިތުރަށް ވިދާޅުވީ ރާއްޖޭގެ ހާލަތަށް ބަރުލަމަމާނީ ނުގުޅޭ އަނެއް ސަބަބަކީ މަޖިލީހަށް ހޮވޭ މެނެްބަރުން ފްލޯ ކްރޮސް ކުރެއްވުން ނުވަތަ ޕާޓީ ބަދަލު ކުރެއްވުން ކަމަށާއި އެކަމަށް އެކަށީގެންވާ ގާނޫނީ ނިޒާމު ފުރިހަމަ ނުވުމެވެ. އަދި އިރުއިރު ކޮޅަކާ ސަރުކާރު ބަދަލު ވުމަކީ ހަރަދު ބޮޑު ގޮތަކަށް ވާނެ ކަމަށާއި ރާއްޖޭގެ މިހާރުގެ ހާލަތަށް ރަނގަޅީ ރިޔާސީ ނިޒާމު ކަމަށެވެ.
ޔާމީން ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތާއި އެމަނިކުފާނުގެ ވިސްނުންފުޅާއި ފިކުރު ހުރިގޮތަށް ބަލާއިރު ނަޝީދާއެކު މަސައްކަތް ކުރެއްވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށެވެ. އަދި ޕީޕީއެމްގެ ކައުންސިލުން ވެސް ނަޝީދާވެސް އަދި އެހެން ބަޔަކާއެކު ވެސް ކޯލިޝަން ހަދަން ނިންމާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކީ ޔާމީން ކަމަށް ކަނޑައަޅާފައި ވާއިރު ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.