ބޯހިޔާވަހިކަމުގައި މާލޭ މީހުންނަށް އެކަނި އޮންނަ ސްކީމެއް ނަހައްދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން އެފަދައިން ވިދާޅުވެފައި ވަނީ މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1000 އަދި ގުޅީފަޅުން 2000 ގޯތި ކަނޑާފަައި ދޭން މި ސަރުކާރުން ނިންމި ނިންމުމަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ މާލެއަކީ ހުރިހާ ރައްޔިތުންގެ ތަނެއް ކަމަށާއި މާލެއަކީ ވެރިކަން ކުރާ ރަށް ކަމަށް ވިޔަސް އެއީ ހަމައެކަނި މާލޭ މީހުންގެ ރަށެއް ނޫން ކަމަށެވެ. އަދި މާލޭ މީހުންނަށް އެކަނި ހާއްސަކޮށްގެން ސްކީމެއް ހެދުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި އެކަމެއް ނުކުރާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް އިސްކަން ދިނުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެން ރަށްރަށުގައި ވެސް ބިން ނެތިގެންދާ ހާލަތުގައި ކަން ކުރާނީ އެ އުސޫލު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މާލޭ ސަރަހައްދު އަދިވެސް ހިއްކައިގެން ތަރައްގީ ކުރާ ތަންތަނުގައި ތަފާތު ކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެމީހަކު ބޭނުންނަމަ ބޯހިޔާވަހިކަމުގެ ފުރުސަތު ހޯއްދައިދެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށާއި ގޯއްޗެއް ނުވަތަ ފްލެޓެއް (ޝެލްޓާއެއް) ބޯހިޔާވަހިކަމެއް ކޮންމެ ޒުވާނަކަށް ވެސް ލިބޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރަން ސަރުކާރުން އިއުލާންކޮށްފައިވާ 3000 ގޯއްޗަށް ކުރިމަތިލެވެނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ރަށެއްގެ ރަށްވެހިކަން ނެތް އަދި އަބަދުވެސް މާލޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށެވެ.

މާލެ ސަރަހައްދުން ޖުމްލަ 5000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯއްޗެވެ. މާލޭ ރަށްވެހިން ހުޅުމާލެ ފޭސް 2 އަދި ގުޅީފަޅުގެ ގޯއްޗަށް ކުރިމަތިލާން ހުޅުވާލިޔަސް ގިރާވަރު ފަޅު އަދި ހިއްކިފައި ނުވާތީ އެތަނުން ދޫކުރާ 2000 ގޯތި އަދި ހުޅުވައެއް ނުލައެވެ.

ހުޅުވާލާފައި ވަނީ މާލޭ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗާއި 4،000 ފްލެޓަށެވެ.