ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިގެން ގޮސްފައިވާ ކޮވިޑުގެ މައްޗަށް ކާމިޔާބީ ހޯދިއްޖެ ކަމަށް އުތުރު ކޮރެއާއިން އިއުލާން ކޮށް އަޅާފައި ވާ ފިޔަވަޅުތައް އުވާލައިފިއެވެ.

އެކަހެރިކޮށް ވަކިވެގަނެގެން އޮންނަ އުތުރު ކޮރެއާއިން ކޮވިޑް ފެނިގެން ބޯޑަރު ބަންދުކޮށް އެތެރޭގެ ހަރަކާތްތައްވެސް މަޑުޖައްސާލިއެވެ. މީހުން އެއްވުމާއި އެނޫންވެސް ކަންކަމުގައި ހަރުކަށި ފިޔަވަޅުތައް އަޅާ މުޅި ގައުމު އެއްކޮށް ލޮކްޑައުން ކުރިއެވެ.

ކޮވިޑާ ދެކޮޅަށް އަމިއްލަ ހަކީމީ ބޭސް ހަދައިގެން ބޭނުން ކުރުމާއި ޕީސީއާރު ޓެސްޓް ހެދުން ފަދަ ކަންކަން އަމިއްލައަށް ކުރަމުން ދިޔަ ގައުމުން، ކަމިޔާބީ އިއުލާން ކޮށް ބުނީ، ހުސްވި ޖުލައި 29ގެ ފަހުން ކޮވިޑްގެ އާ ކޭސް އެއް ނުފެންނަ ކަމަށެވެ.

މައުލޫމާތު ފެތުރުމުގައިވެސް ކޮންޓްރޯލް ގެންގުޅޭ އެ ގައުމުގައި ކޮވިޑް ޖެހުނު ސީދާ އަދަދެއް ނޭނގެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަަށްވެސް އެ މައުލޫމާތު ނުލިބެ އިރު، ކޮރެއާއިން ބުނެފައި ވަނީ ކޮވިޑް ފެތުރެން ފެށިފަހުން އެ ގައުމުން މަރުވީ އެންމެ 74 މީހެއް ކަމަށެވެ. ނަމަވެސް 400،000 އާ ގާތް ކުރާ އަދަދެއްގެ މީހުން ހުން އައި ކަމަށް ބުނެފައި ވެއެވެ. އޭގެ ތެރޭގައި އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ހިމެނެއެވެ.

ކޮރެއާއިން ކޮވިޑާ ދެކޮޅަށް ކާމިޔާބީ އިއުލާން ކުރުމުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ސުވާލު އުފައްދާފައެވެ. އެ ޖަމްއިއްޔާއިން ބުނީ ހުސްވި މަހު، ކޮރެއާގެ ކޮވިޑްގެ ހާލަތު ގޯސްވާ ކަމުގެ މައުލޫމާތު ލިބިފައި އޮއްވާ ކުއްލިއަކަށް ކޮވިޑުގެ މައްޗަށް "ނަސްރު" ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ކޮރެއާއިން ބުނާ ބުނުން، ޔަގީން ކުރެވޭނެ ފުރިހަމަ މައުލޫމާތެއް ނުލިބޭ ކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެއެވެ.

މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނާގޮތުން ކޮރެއާއިން ކޮވިޑްގެ މައްޗަށް ކާމިޔާބީ ހޯދއްޖެ ކަމަށް އެ އިއުލާން ކުރީ، ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރުމަށް ޖާގަ ހޯދުމަށެވެ. އުތުރު ކޮރެއާއިން 2017ގެ ފަހުން ނިއުލްކިއާ ހަތިޔާރެއް އަދި ޓެސްޓް ކޮށްފައެއް ނުވެއެވެ.