ޖަޕާނުގެ މައްޗަށް ކާމިޔާބު ހޯދިތާ 80 އަހަރު ފުރުން ފާހަގަ ކުރުމަށް ޗައިނާގައި ބޭއްވި މާސިންގާ ބޮޑު ޕެރޭޑާއެކު ރަޝިއާގެ ރައީސް ޕުޓިން އާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގު އުން އަދި ޗައިނާގެ ޝީ ގެ ބައްދަލުވުމާއެކު ޓްރަމްޕް ކަންބޮޑުވެވަޑައިގެންފިއެވެ.

އެ 3 ވެރިންގެ ބައްދަލުވުމާ ގުޅިގެން ޝުއޫރު ފާޅުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ޕުޓިން އާއި ކިމް އަށް ވެދުން ދެންނެވުމަށާއި އެމެރިކާ އާ ދެކޮޅު ރޭވުމެއް 'ކަލޭމެން' ރާވަނީ ކަމަށެވެ. އެކަމުގައި ޗައިނާގެ ނަމެއް ޕުޓިން ވިދާޅެއް ނުވެއެވެ.

ޓްރަމްޕްވެ ވާހަކައަށް ރައްދު ދެއްވަމުން ކްރެމްލިންގެ އޮފިޝަލަކު ވިދާޅުވީ، އެއީ އެއިން ލީޑަރެއްގެ ހިތްޕުޅަށް އަރާވަޑައިގެންނެވި ކަމެއްވެސް ނޫން ކަމަށާއި އެމެެރިކާ އާ ދެކޮޅު ރޭވުމެއް ނުރާވާ ކަމަށެވެ.

ޗައިނާގެ ނަސްރުގެ ދުވަހުގެ އިހްތިފާލުގައި ޕުޓިން، ކިމް އަދި ޝީގެ އިތުރުން ދުނިޔޭގެ އެތައް ގައުމެއްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ހިމެނިވަޑައިގަންނަވައެވެ.

ހުޅަނގާއި އެމެރިކާއިން މި ރަސްމިއްޔާތުގައި ބައިވެރިވެފައި ނުވި ނަމަވެސް މި ރަސްމިއްޔާތުގައި ޗައިނާއިން ވަނީ އަސްކަރިއްޔާގެ ބާރު ދައްކާލާފައެވެ. މީގެ ކުރިން ނުދައްކާ އާ ހަތިޔާރުވެސް ހިމަނައިގެން މާސިންގާ ބޮޑު ޕެރޭޑެއް ބާއްވާފައި ވާއިރު މިއީ އެމެރިކާ ސިހޭވަރުގެ ޕެރޭޑެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ބޮން އަޅާ ބޯޓުތަކާއި، ސްޓެލްތު އަދި ޓޭންކަރުތަކާއި ނިއުކްލިއާ ވޯހެޑް އުފުލޭ އެތައް ހަތިޔާރެއްގެ އިތުރުން އެމެރިކާގައި ބޭނުން ކުރާ އެންމެ ޒަމާނީ ހަތިޔާރުގެ ކޮންމެ ހަތިޔާރަކާ ވާދަ ކުރެވޭ އަދި އެއަށް ވުރެ ކާމިޔާބު ހަތިޔާރުވެސް ހިމެނޭ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޗައިނާގައި މި ހަފްތާގައި އެއްފަހަރާ 2 އިވެންޓެއް ވަނީ ބާއްވާފައެވެ. އެއީ ޝެންހައި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓާއި ނަސްރުގެ ދުވަހުގެ ޕެރޭޑެވެ.

ދުނިޔޭގެ ގައުމުތަކުގެ ގިނަ ލީޑަރުން ވަޑައިގަތީ އެސްސީއޯ ސަމިޓަށެވެ. އެ ސަމިޓުގައި 2026-2036 އަށް ކުރާނެ ކަންކަމާ ގުޅޭ މުހިންމު ގަރާރެއް ފާސްކޮށްފައި ވެއެވެ. އެ ގަރާރުގައި އިގްތިސޯދީ ދާއިރާ، އަސްކަރީ ދާއިރާއިންނާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދޭދޭ ގައުމުތަކުގެ ދެމެދުގައި މުހިންމު ގުޅުންތައް ގާއިމުކޮށް ދެމެހެއްޓުމާއެކު ވަރުގަދަކޮށް ކުރިއަށް ގެންދިޔުމަށް ހިމަނާފައި ވެއެވެ.

ރާއްޖެއަކީ އެސްސީއޯގެ ޑައިލޮގް ޕާޓްނަރެކެވެ.