ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ، ތ.ގާދިއްފުށީ ކައުންސިލްގެ ހުސްވެފައިވާ އަންހެނުންގެ ހާއްސަ ގޮނޑިއަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލް ހާދީ އަށް ވޯޓުދިނުމަށް އެދިވަޑައިގެން ޔާމީން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
ޔާމީން ވިދާޅުވީ، ޕީޕީއެމް އަކީ މިހާރު ރާއްޖެ އޮތް ހާލަތުން އެހެން ހާލަތަކަށް ރާއްޖެ އަނބުރާ ގެންގޮސް ދިވެހިންގެ ރާއްޖެއަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. އަދި ހަމައެކަނި ވަތަނީ ފިކުރެއްގައި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ޕާޓީއަކީވެސް އެއީ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ ރަށްރަށުގެ ފެންވަރުގައި ސިޔާސީ ނުފޫޒު ހިންގޭ ރަސްމީ މަގާމުތަކުގައި ތިބޭ ފަރާތްތަކަކީ ގައުމުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރެވޭނެ ފަރާތްތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފަރާތްތަކަކީ ޕީޕީއެމްގެ ފިކުރުގެ ބައެއް ނަމަ، ގައުމު އިސްލާހުކުރަން ޕީޕީއެމުން ކުރާ މަސައްކަތްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
ގާދިއްފުށި ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެދުވަހު މ. ދިއްގަރު ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަން އޮންނާނެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޔާމީން ދެ އަހަރެއްހާ ދުވަސް ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވުމަށް ފަހު މިނިވަންވެވަޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގައެވެ. މިނިވަންވެވަޑައިގަތުމަށް ފަހު އެމަނިކުފާނު ވަނީ އިދިކޮޅު ކޯލިޝަން، އަދި ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަކުރައްވައި ފުޅާ ކުރައްވައިފައެވެ. އެގޮތުން އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގަންނަވަން ފައްޓަވައި، ބައެއް މީޑިއާ އަށް އިންޓަވިއު ދެއްވާފައިވެއެވެ.
މިހާރު ވެސް ޔާމީންގެ ޝަރީއަތެއް ކުރިއަށްދާއިރު، މިހާރު ކުރިއަށް ދަނީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، ޔާމީނަށް ޖަލު ހުކުމެއް އައިސް، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވާނެއެވެ.