މީގެ 30 އަކަށް އަހަރު ކުރިން ސްޓެލްކޯގެ ޗެއާމަނަކަށް ރައީސް އަބްދުﷲ ޔާމީން ހުންނެވިއިރު، އެމަނިކުފާނުގެ ދަށުން އޭރުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަޒީފާ އަދާ ކުރެއްވިއެވެ. އޭގެ ފަހުން އުފެދުނު އެކުވެރިކަމާ އެކު، 2015 ވަނަ އަހަރާ ހަމައަށް ދެ ބޭފުޅުން ވަނީ 1999 އިން ފެށިގެން އެކުގައި ސިޔާސީ މަސައްކަތްތައް ކުރައްވައިފައެވެ. ނަމަވެސް އޭގެ ހަތް އަހަރު ފަހުން، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ނާޒިމް ހުންނެވީ ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވުމަށް މިއަދު ކޯޓުގައެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ތިން މައްސަލައެއްގައި ދައުވާތައް ކޮށްފައިވާއިރު، މިހާރު ކުރިއަށް ދަނީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީނާ ދެކޮޅަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމުގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެ މަރުހަލާގައި މިއަދު ނަގާފައި ވަނީ ނާޒިމްގެ ހެކިބަހެވެ.

އާންމުކޮށް ޝަރީއަތުގައި އަމަލުކުރާ އުސޫލުގެ މަތިން، މައްސަލަ ބައްލަވާ އިސްގާޒީ އަހްމަދު ޝަކީލް ވަނީ ނާޒިމްގެ ހިތްޕުޅުގައި ޔާމީނާ މެދު އެއްވެސް ކަހަލަ އަދާވާތްތެރި ކަމެއް އޮތްތޯ ސުވާލުކުރައްވައިފައެވެ. ޖަވާބުގައި "އެފަދަ އެއްވެސް ކަމެއް ނޯންނާނެ،" ކަމަށް ނާޒިމް ވިދާޅުވިއެވެ.

މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވި މައްސަލައިގެ ތެރެއިން މައްސަލައަކަށް ވި ނަމަވެސް، ދައުލަތާއި ދިފާއުން ކުރި ގިނަ ސުވާލުތައް އަމާޒުވެފައިވަނީ ޔާމީނާއި ނާޒިމްގެ ގުޅުމަށެވެ. އެގޮތުން، އަޑުއެހުން ފެށިގެން ދިޔައިރު ދައުލަތުން ދިޔައީ ޔާމީން ހިންގެވި ޓްރޭޑް މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރަކަށް ނާޒިމް ހުންނެވި ދުވަސްވަރުގައި މަޖިލީހުގައި ދެ ބޭފުޅުން އެކުގައި ކުރެއްވި މަސައްކަތްތަކާ ބެހޭ ގޮތުން ސުވާލުތައް ކުރަމުންނެވެ. އޭގެ އިތުރުން، ޔާމީންގެ ފަރާތުން ސުވާލުތައް އައީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމަށެވެ. ޔާމީންގެ ފަރާތުން މަސައްކަތްކުރީ ޔާމީނާ ދެކޮޅަށް ނާޒިމް ހެކިބަސް ދެނީ ޒާތީ ސަބަބުތަކެއް އޮވެގެންކަން ބުނެދިނުމަށެވެ. އެއީ ޔާމީންގެ ވެރިކަމުގައި ނާޒިމް ޖަލަށްލާފައިވާތީއެވެ.

"މިހާރު ގާތް ރައްޓެހިންނެއް ނޫން، އަޅުގަނޑު ޖަލަށްލީއްސުރެން ޔާމީނާ އެއްވެސް މުއާމަލާތެއް ނެތް. އެއީ އަޅުގަނޑަކީ މުއުމިނެއްވީމަ، މުއުމިނަކު ގަޔަކު ދެ ފަހަރަށް ކަށި ނުޖެހޭތީއޭ،" ޔާމީންގެ ވަކީލުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީ ހިޔާނާތް ފެށުމާ އެކު، އެކަން ޔާމީންގެ ސަމާލުކަމަށް ވަގުތުން ގެންދެވިއެވެ. އެމްޕީއެލަށް އެމްއެމްޕީއާރުސީގެ ޗެކުތަކެއް ދިނުމަށްފަހު، ފަސް މިލިއަން ޑޮލަރު ނެންގެވި މައްސަލަ ޔާމީންގެ އަރިހަށް ގެންދެވީ ސީދާ އޭނާ ކަމަށާއި، އެގޮތުން މީގެ އަށް އަހަރު ކުރިން ޔާމީނާ ބައްދަލުކުރައްވައި ޖެހިގެން އައި ދުވަހު އެމަނިކުފާނަށް އެކަމުގެ މައުލޫމާތު ހިއްސާކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައުލޫމާތުތައް ޔާމީނާ ހިއްސާކުރަން ޖެހުނީ ފަސް މިލިއަން ޑޮލަރު ޖަމާކުރި އެކައުންޓްތަކުގެ ތެރޭގައި ޔާމީންގެ ކެމްޕެއިންގެ ދުވަސްވަރު ކެމްޕެއިނަށް ފައިސާ ދިން ވިޔަފާރިވެރިންގެ އެކައުންޓްތައް ހިމެނޭތީ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ނާޒިމް ވިދާޅުވީ، ކެމްޕެއިންގެ ދުވަސްވަރު ފައިސާ ހޯދައިގެން ގެނައީ އަދީބު ކަމަށާއި، ޓޫރިޒަމް މިނިސްޓަރަކަށް އަދީބު ހުންނެވިއިރު، އެމްއެމްޕީއާރުސީގެ އެކައުންޓަށް ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ޖަމާވާ ގޮތަށް އޭރުގެ ބަންޑާރަނައިބު ލަފާދެއްވާފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އެ ދުވަހު ފިޔަވަޅު އެޅި ނަމަ، 70 މިލިއަން ޑޮލަރުގެ ބޮޑު ހިޔާނާތް ހުއްޓުވުނީސް ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެފަދަ ކަންކަމަކީ މަޖިލީހުގައި އުޅުއްވި ދުވަސްވަރު ޔާމީން އެންމެ ދެކޮޅު ހެއްދެވި ކަންތައްތައް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނާޒިމަކީ ޔާމީންގެ އަރިސް އެކުވެރިއެކެވެ. 2013 ގައި ޔާމީންގެ ކެމްޕެއިންގައި ވެސް އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.

އެ މައްސަލައިގައި ދެން އިތުރު އަޑުއެހުމެއް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ.