ސީލް އޮތް ސަރަހައްދަށް އާންމުން ގޮސް އޭގެ ވަށައިގެން ޖަމާވެ ފޮޓޯ ނަގައި އެއަށް އުނދަގޫ ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ރާއްޖެއިން އާންމުކޮށް ނުފެންނަ ބާވަތުގެ ދިރޭ ތަކެތީގެ ތެރޭގައި ހިމެނޭ ސީލްއެއް އިއްޔެގެ ވަގުތެއްގައި އައްޑުސިޓީ ހިތަދޫ ކިނބިވާ ސަރަހައްދުގެ ފުއްޓަރު ފަރާތު އަތިރިމަތިން ވަނީ ފެނިފައި ކަމަށެވެ. އަދި ގިނަ އާންމުން އެ ސަރަހައްދަށް ޒިޔާރަތްކޮށް އެއަށް ކާންދޭން މަސައްކަތް ކޮށް، އަދި ފޮޓޯ ނެގުމަށް އެއާ ކައިރިވާން މަސައްކަތް ކުރާކަން ވެސް ވަނީ ފާހަގަވެފައި ކަމަށް އެ ކައުންސިލުން ބުނެއެވެ.

ސީލްއަކީ އޭގެ ޒާތުގައި އަމިއްލަ ހާލުގައި އުޅޭ އެއްޗެއް ކަމުން، އެ ސީލްއަށް އެއްވެސް ވަރަކަށް ގޯނާ ނުކޮށް، ކާން ނުދީ، އަދި އޭގެ ވަށައިގެން މީހުން ޖަމާވެ ފޮޓޯ ނަގައި އިންސާނުންގެ އުނދަގޫ އެޔަށް ވާގޮތަށް އާއްމުންގެ އަމަލުތައް ނުބެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެ ކައުންސިލުން ކުރާ މިފަދަ އިލްތިމާސް ތަކުގައި އާންމުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ރައްޔިތުންނަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އައްޑު ސިޓީ ކައުންސިލުން ބުނެއެވެ.

މިހާރު އެ ސީލް އަރާ އޮތް ސަރަހައްދުގައި އަދި ވެސް ސީލް އެބަ އޮތެވެ. އަދިވެސް އެ ސަރަހައްދަށް މަދުން ނަމަވެސް އާންމުން ޒިޔާރަތް ކުރަމުން އަންނާތީ އެ ސީލް އަށް ހިމާޔަތް ދިނުމަށް އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން ކަނބިހާ ބީޗު ސަރަހައްދުން ވެސް ސީލްއެއް ފެނިފައި ވާއިރު އިއްޔެ ސީލް ފެނިފައިވަނީ ކިބިނވައު ބީޗު ސަރަހައްދުންނެވެ. އެ ސީލްގެ ހާލު ރަނގަޅު ކަމަށާއި ދެތިން ދުވަހަކު އުޅުމަށް ފަހުގައި އެ ސީލް ދާނެ ކަމަށް އީޕީއޭއިން ބުނެއެވެ. ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލް ފަދަ ޖަނަވާރު ހިފަންއުޅެ ކަމަށާއި މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އެ އެޖެންސީއިން އިލްތިމާސް ކުރާ ކަމަށެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ނޫންކަން އީޕީއޭއިން ފާހަގަކުރެއެވެ.

ސީލް އަކީ އާންމުކޮށް ފިނިތަންތަނުގައި އުޅޭ އެއްޗަކަށް ވާއިރު އައްޑޫއިން ފެނުނު ސީލްގައި ގާތްގަނޑަކަށް އަށް ފޫޓު ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. ހަތަރު ފަހަރެއްގެ މަތިން ރާއްޖެއިން ސީލް ވަނީ ފެނިފައެވެ.