އައްޑޫއިން ފެނުނު ސީލަކީ ނުރައްކާތެރި ޖަނަވާރެއް ނޫން ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން ކަނބިހާ ބީޗު ސަރަހައްދުން ވެސް ސީލްއެއް ފެނިފައިވާއިރު އިއްޔެ ސީލް ފެނިފައިވަނީ ކިބިނވައު ބީޗު ސަރަހައްދުންނެވެ. އެ ސީލްގެ ހާލު ރަނގަޅު ކަމަށާއި ދެތިން ދުވަހަކު އުޅުމަށް ފަހުގައި އެ ސީލް ދާނެ ކަމަށް އީޕީއޭއިން ބުނެއެވެ.

ސީލް އަކީ އާންމުކޮށް ފިނިތަންތަނުގައި އުޅޭ އެއްޗަކަށް ވާއިރު އައްޑޫއިން ފެނުނު ސީލްގައި ގާތްގަނޑަކަށް އަށް ފޫޓު ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އީޕީއޭއިން ބުނީ ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލް ފަދަ ޖަނަވާރު ހިފަންއުޅެ ކަމަށާއި މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އެ އެޖެންސީއިން އިލްތިމާސް ކުރާ ކަމަށެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ނޫންކަން އީޕީއޭއިން ފާހަގަކުރެއެވެ.

މީގެ ކުރިންވެސް ރާއްޖެއިން ނުފެންނަ ބައެއް ދިރުންތައް ރާއްޖެއިން ފެނިފައިވެއެވެ. ހަތަރު ފަހަރެއްގެ މަތިން ސީލްވެސް ވަނީ ރާއްޖެ އައިސްފައެވެ.