ގައުމީ ޔުނިވާސިޓީގައި އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާ އަދާކުރެއްވި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފަށް އަނބުރާ ވަޒީފާއަށް ނިކުންނަވައިފިއެވެ.

އެމްއެންޔޫ އިން ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 4 ވަނަ ދުވަހު އިޔާޒަށް އިންޒާރު ދީ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރި މައްސަލަ އިޔާޒް އޭރު ޓްރައިބިއުނަލަށް ހުށަހަޅުއްވާފައި ވަނިކޮށް އިޔާޒް ވަނީ އެމްއެންޔޫގެ ވަޒީފާއިން ވެސް ވަކި ކޮށްފައެވެ.

މިމައްސަލާގައި ވަޒީފާއާ ބެހޭ ޓްރަބިއުނަލުން އިން މީގެ ކުރިން ވަނީ އިޔާޒު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ނިންމާފައެވެ.

އެ މައްސަލައިގައި މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ ޑރ. އިޔާޒް ކުރިން ލިބުނު މުސާރައާ އެކު 7 ދުވަހުގެ ތެރޭގައި ވަޒީފާ އަނބުރާ ދިނުމަށެވެ.

ދިރާސީ އާ އަހަރާ ވެސް ދިމާކޮށް އިޔާޒް އަލުން އެމްއެންޔޫގެ ވަޒީފާ އަށް ނުކުންނަން ފެއްޓެވި އިރު، އޭނާއަށް ޝައިހު އަލީ ޒައިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. ޒައިދު ވަނީ އިޔާޒު ވަޒީފާއިން ވަކި ކުރީ އިންސާފުން ނޫން ކަން އޭރުވެސް ވިދާޅުވެފައެވެ.

އިޔާޒް ވަޒީފާއިން ވަކިކުރީ، އޭނާ އަށް ޔުނިވާސިޓީން އިންޒާރު ދީފައި އޮއްވާ ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ ސަބަބުން ކަމަށް އެމްއެނޔޫއިން އޭރު ބުންޏެވެ. މީގެ އިތުރުން، ވަޒީފާއިން ވަކިކުރީ ހަރުކަށި ފިކުރަށް ތާއީދު ކުރައްވާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާތީ ކަމަށް ވެސް އެމްއެންޔޫ އިން ބުނެފައި ވެއެވެ.

އަންހެންކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އިޔާޒު ކުރެއްވި ޓްވީޓަކާ ގުޅިގެން އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލާ ކަމަށް އޭރު ބުންޏެވެ.

އިޔާޒު ވަޒީފާއިން ވަކި ކުރި އިރު އޭނާ ހުންނެވީ އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރު / ސީނިއާ ލެކްޗަރާ އެއްގެ ގޮތުގައެވެ. އިޔާޒު ވަޒީފާއިން ވަކި ކުރުމުގެ ކުރިން ވެސް ވަނީ ސަސްޕެންޑް ކޮށް އަދި އެކި ފަހަރު މަތިން ޔުނިވާސިޓީން ވަނީ އިޔާޒަށް އިންޒާރު ދީފައެވެ.