ރޭ މަރާލައިފާ އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދަށާއި އާއިލާއަށް އިންސާފު ހޯދައިދީ، ލާއިންސާނީ އަމަލު ހިންގި ފަރާތަށް ހައްގު އަދަބު ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން ބުނީ އެއްވެސް ރަހުމެއް ނެތި އަނިޔާވެރިކަމާއެކު ޒުވާން އަންހެން ކުއްޖަކު މަރާލާފައި ވާ މައްސަލައިގެ ކަންބޮޑުވުން އެ ކޯލިޝަނުން ފާޅު ކުރަނީ ވަރަށްވެސް އަސަރާއެކު ކަމަށާއި ޝިއާއުއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށާއި ރަހުމަތްތެރިންނަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

އެ ރަހުމުކުޑަ ލާއިންސާނީ އަމަލު ހިންގި ފަރާތާއި އެކަމަށް ވާގިވެރިވި ފަރާތްތަކާއި ހިތްވަރުދިން ފަރާތްތަކަކީ ކޮބައިކަން ހޯދާ، ތަހުގީގު އަވަސްކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި އެފަދަ ރަހުމްކުޑަ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކާއިމެދު އެއްވެސް ހަމްދަރުދީއެއްނެތި ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް އެ ކޯލިޝަނުން ގޮވާލައެވެ.

އެ ކޯލިޝަނުން ވަނީ ޝިއާއުގެ މަރާއެކު އާއިލާއާއި ރަހުމަތްތެރިނަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި ބައިވެރިވެ، އާއިލާއަށާއި ރަހުމަތްތެރިންނަށް ރައީސް އަބްދުﷲ ޔާމީނާއި އެ ކޯލިޝަންގެ ލީޑާޝިޕާއި ސެނެޓާއި ސްޓިއަރިން ކޮމިޓިތަކާއި އާންމު މެންބަރުންގެ ނަމުގައި ތައުޒިޔާ ދަންނަވާފައެވެ.