އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ރަސްމީ ދަތުރާ ގުޅިގެން ހަނގުރާމައެއްގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި އެ މައްސަލައިގައި ރާއްޖޭގެ ތާއީދު އޮތީ ޗައިނާއާއެކު ކަން ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެއް ނަމަވެސް ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. ޕެލޯސީ ޓައިވާނަށް ދަތުރު ކުރެއްވުމާ ދެކޮޅަށް ޗައިނާއިން ވަރުގަދަ އިންޒާރުތައް ދިނެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ "ވަން ޗައިނާ" ސިޔާސަތަށް ރާއްޖޭން އަބަދުވެސް ކުރަމުންދާ ތާއީދު ދެމިއޮތް ކަން ހާމަކޮށްފައި ކަމަށެވެ.

އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން ވެސް ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި ދެ ގައުމުގައި ވެސް ހުރި މިފަދަ ހައްސާސީ މައްސަލަތަކުގައި އެއް ގައުމުން އަނެއް ގައުމަށް ޒަމާނުއްސުރެ ތާއީދުކޮށް އެއްބާރުލުން ދެމުންދާ ކަން ފާހަގަކުރައްވައިފައެވެ. އަދި ކުރިމަގުގައި ވެސް އިތުރު ގޮތްގޮތުން ރާއްޖެއާ ގުޅުންތައް ބަދަހި ކުރާނެ ކަމަށް ޗައިނާގެ ސަފީރު ވަނީ ވިދާޅުވެފައެވެ.

ޓައިވާނަށް އދ. އިން މިނިވަން ދައުލަތެއްގެ ދަރަޖަ ނުލިބުނަސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި 15 ގައުމަކުން ގަބޫލުކުރެއެވެ. އެހެންނަމަވެސް އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އާއި ބާރުގަދަ އެހެން ގައުމުތަކުގައި ރަސްމީ ސިފައެއްގައި ޓައިވާން ބަލައެއް ނުގަނެވެ.