އިންޑިއާގެ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ދައުވަތު ދެއްވައި، ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ރާއްޖެއިން މިހާރު ގެންދަނީ މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަމުން ކަން ފާހަގަ ކުރައްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައި ވަނީ ވިލުންތެރި، ތިމާވެށްޓާ ރަޙްމަތްތެރި އަދި ސިންދަފާތު އިގްތިސޯދެއް ބިނާކުރުމަށް ކަމަށާއި، އެހެންކަމުން އިގްތިސޯދުގެ ތެރެއިން ތަފާތު އިންވެސްޓްމަންޓްތަކަށް ގިނަ ފުރުސަތުތަކެއް ރާއްޖޭގައި ހުޅުވިފައި އޮންނާނެ ކަމަށެވެ.
އެމަނިކުފާނު ވާހަކަފުޅުގައި ވަނީ ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ކުރިމަތިވި ދަތިކަމުން އަރައިގަނެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ވެސް ކޮވިޑް ބަލިމަޑުކަމުގެ ކުރީގައި އޮތް މިންވަރަށް ރުޖޫއަ ކުރެވިފައިވާ ކަން ފާހަގަ ކުރައްވާފައެވެ. ހަމައެއާއެކު އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ އެއް މަންޒިލު ކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވާހަކަފުޅުގައި ވަނީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުންގެންދާ މަސައްކަތްތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ތިމާވެށި ހިމާޔަތްކޮށް ގުދުރަތީ މާހައުލުގެ މުއްސަނދިކަން ދެމެހެއްޓުމަކީ ޒަމާނުއްސުރެ ރާއްޖޭގެ މީހުން ދިރިއުޅެމުން ދިޔަ ގުދުރަތީ މާހައުލާ ގުޅިފައިވާ ޖަޒީރާވަންތަ ދިރިއުޅުން އެގޮތުގައި ކުރިޔަށް ގެންދިއުމަށް ވެސް ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އެގޮތުން މޯލްޑިވްސް - އިންޑިއާ ޕާޓްނާޝިޕަކީ ދެ ގައުމުގައި ހުރި ތަފާތު ވަސީލަތްތަކާއި ދެ ގައުމުގެ ސައިޒުގެ ގޮތުން ދެ ގައުމުގެ ކުރިއެރުމަށް ވެސް ފައިދާ ކުރަނިވި ނަމޫނާ ޕާޓްނާޝިޕެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ އިންޑިއާއާއެކު ގާތް ރަހްމަތްތެރި ގުޅުމެއް ބޭއްވުމަށް ކަމަށް ވިދާޅުވެފައެވެ.