2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ރައީސް އަބްދުﷲ ޔާމިންއަށް ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިމަހުގެ 19 ވަނަ ދުވަހު ބޮޑު ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.

ރޭ "ސަންގު" ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމިންއަށް ރިޔާސީ ޓިކެޓް ދިނުމާ ގުޅިގެން ބައެއް މީހުންގެ ފާޑު ކިޔުންތައް އަމާޒުކުރާ ވާހަކަ އަށް ރައްދުދެއްވައި ރާއްޖޭގެ ގާނޫނު އަސާސީއާއި އަދި ކޯލިޝަންގެ ހިންގާ ގަވާއިދު ބުނާގޮތުން އެގޮތަށް ވަކި ބޭފުޅަކަށް ޓިކެޓް ދެއްވިދާނެ ހާލަތުތައް އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ހޯއްދެވުމަކީ ރައީސް ޔާމިން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންފިނަމަ މިހާރު ވެރިކަންކުރާ މީހުންނަށް ވެރިކަން ނުލިބިދާނެކަމުގެ ބިރައްޓަކައި އެމަނިކުފާނު ޖަލަށްލުމަށް އަނެއްކާވެސް މައްސައްކަތް ފަށައިފައިވާ ކަމަށާއި އެހެންނަމަވެސް އެކަން އެގޮތަށް ކޮށްފިނަމަ މަންޒަރު އެހާރީއްޗެއް ނުވާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ ރާއްޖެއަށް އެހީދޭ ބޭރުގެ އެކި އެކި ފަރާތްތަކުން ވެސް ރާއްޖޭގެ ސިޔާސީ މަސްރަހު ހިނގަމުންދާގޮތް ބައްލަވާނެ ކަމަށާއި އެފަދަ ނާތަހުޒީބު އަމަލެއް މިސަރުކާރުން ހިންގައިފިނަމަ އެފަދަ ފަރާތްތަކުގެ ފިއްތުންތައް ރާއްޖެއަށް އަންނާނެ ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ބޮޑު ޖަލްސާގައި ވީހާވެސް ގިނަ މެންބަރުން ބައިވެރިވުމަށް އެދޭ ކަމަށެވެ.