ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ، ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ މަހުގެ 25 ގައި ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 9.52 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، މިހާރު ހުރި ހާބަރު ބޭސިން ފުން ކުރުމާއި، އެއްގަމުތޮށި ލުމާއި، ހާބަރު ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތަކެވެ.

ގދ. އަތޮޅަކީ 21000 ރައްޔިތުންގެ ބޮޑު އާބާދީއެއް އޮތް އަތޮޅެކެވެ. މި އާބާދީގެ ބޮޑު ބައެއް ވައިގެ މަގުން ގދ. އަތޮޅަށް ދަތުރު ކުރުމަށް ބޭނުން ކުރާ މަންޒިލަކީ ކާޑެއްދޫ އެއާޕޯޓެވެ. ހަމައެހެންމެ ކާޑެއްދޫއަކީ ވަކިން އޮންނަ ރަށެއްކަމުން، ކައިރީގައިވާ ރަށްތަކުން އެއާޕޯޓަށް އައުމަށާއި ދިޔުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ތަނަކީ ގދ. ކާޑެއްދޫ ބަނދަރެވެ.

އެމްޓީސީސީން ބުނީ، އެ އަތޮޅުގެ ރައްޔިތުންނަށް ކާޑެއްދޫގެ ބަނދަރުގެ ބޭނުން މުހިންމުވާ މިންވަރަށް ރިއާޔަތް ކުރުމަށް ފަހު މި މަސައްކަތް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާ ވަނީ ހަވާލު ކޮށްފައި ކަމަށެވެ. މި ބަނދަރުގެ ސަބަބުން ގދ. އަތޮޅުގެ ރައްޔިތުންނަށް ކާޑެއްދޫއަށް އަރާ ފޭބުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.