ބެހިގެން އަންނަ ޖަނަވާރުތަކަށް ގޯނާ ނުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އީޕީއޭއިން މިހެން ބުނީ އައްޑޫ ހިތަދޫ ފަޅުތެރެއިން ސީލްއެއް ފެނުމާ ގުޅިގެންނެވެ.

މި ސީލް ފެނިފައިވަނީ ހިތަދޫ ލިންކް ރޯޑާ ދިމާލުން ހަދާފައި އޮންނަ ކަނބިހާ ބީޗް ސަރަހައްދު މޫދުންނެވެ.

އެކަމާ ގުޅިގެން އީޕީއޭއިން ކުރި ޓްވިޓެއްގައި ވަނީ، ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ނޫންކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

ދިގު މިނުގައި ގާތްގަނޑަކަށް 8 ފޫޓު ހުރި މި ސީލް ފެނުމާގުޅިގެން ގިނަ އަދަދެއްގެ އާންމުން ވަނީ އެސަރަހައްދަށް ގޮސްފައެވެ. އަދި އެމްއެންޑީއެފް އިން ވަނީ ސީލް އެސަރަހައްދުން ބޭރު ކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

ސީލްއަކީ އާންމުކޮށް ފިނި ސަރަހައްދުތަކުގެ ކަނޑުތަކުން ފެންނަ އެއްޗެކެވެ.