ގައުމުގެ އެންމެ ބޮޑު ޣައްދާރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ޔާމީން މިއަދު ވިދާޅުވީ، އަދާލަތު ޕާޓީގެ ޝައިހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހިޔާމަތް ހޯދާފައި ކަމަށެވެ. އަދި ނާޒިމާއި ގާސިމް، ހުރިހާ ކަމަކުން ދުރުވެވަޑައިގެން ތިއްބެވި ކަމަށް ދައްކަވަމުން ގެންދަވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން އިތުރަށް ވިދާޅުވީ އެ ބޭފުޅުންނަކީ ވެސް މަރު ދުވަހާ ހަމައަށް ޣައްދާރުން ކަމަށެވެ.
އެ ކަމަށް ރައްދުދެއްވަމުން ނާޒިމް ވިދާޅުވީ، ގައުމުގެ އެންމެ ބޮޑު ޣައްދާރަކީ ޔާމީން ކަމަށާއި ރިޝްވަތާއި، ވައްކަމާއި، މަކަރާއި ހީލަތް ހެދުމަކީ ޔާމީނުގެ ވެރިކަމުގައި އާއްމު ކަމެއް ކަމަށެވެ. އަދި ޔާމީން، ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލި ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ވަތަނީ ލީޑަރަކީ ތިމަންނާއޭ ރައީސް ޔާމިން ވިދާޅުވާއިރު، ވެރިކަން ދިނުމުން ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލަށްލާ، ގައުމުގެ ފައިސާ ގެއްލުވާލާ، މުޅި ދުނިޔެއާއި ޖެހިގަންނަ ވަތަނީ ލީޑަރެއް ރާއްޖެއަށް ބޭނުން ނުވާ ކަމަށެވެެ.
ޔާމީން، ނާޒިމް އަދި ގާސިމް އާ ގުޅުވާ މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ކަމަށް ވިދާޅުވެ ފޮޓޯ ހުރި ކަމަށް ރައީސް މުހައްމަދު ނަޝީދު ތުހުމަތުތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމާ ގުޅިގެން، އެމަނިކުފާނު ވަނީ ކޯފާ އިސްކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތައް ފުލުހުގައި ފޮރުވީތޯ ސުވާލު ކުރައްވާފައެވެ.
އަދި އަންހެން ކުއްޖަކާ އެކު ރައީސް ޖިންސީ ގުޅުން ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް މީހަކު އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ، އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރައްވަންވީތޯ ވެސް ނަޝީދު ވަނީ ސުވާލުކުރައްވައެވެ.
ނަޝީދުގެ ތުހުމަތުތަކަށް ރައްދުދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ނަޝީދުގެ ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެފަދަ އަމަލެއް ހިންގަވާފައި ނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.