އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރާ އެކު ސޮއިކޮށްފައިވާ 50 އަހަރުގެ ސާވިސް އެގްރީމަންޓްގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ލ. ގަމާއި ގުޅިފައިވާ ރަށްތަކާއި އަދި ލ. އިސްދޫ އާއި ލ. ކަލައިދޫއަށް ބަހުގެ ހިދުމަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، އާރްޓީއެލް ބަހުގެ ހިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް މިހާރު ވަނީ ކަނޑައެޅިފައިވާ ރަށްތަކަށް ގެންގޮސްފައި ކަމަށެވެ. އެގޮތުން ލ. އިސްދޫ އާއި ލ. ކަލައިދޫއަށް 2 ބަސް، ލ. ގަމާއި ގުޅިފައިވާ ރަށްތަކަށް 4 ބަސް، ފުވައްމުލަށް ސިޓީއަށް 4 ބަސް، އަދި އައްޑޫ ސިޓީ އަށް 13 ބަސް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިއަދު އަތޮޅުތަކަށް އާރްޓީއެލް ބަހުގެ ހިދުމަތް ދޭން ފެށުނު ނަމަވެސް، އަންނަ އޮގަސް 14 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނީ ރޫޓުތައް ތަޖުރިބާ ކުރުމުގެ ދަތުރުތައް ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެ މުއްދަތުގައި އަގު ނެގުމަކާ ނުލާ ބަސްތަކުގައި ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ދެކުނުގެ 3 އަތޮޅުގައި ބަހުވެ ހިދުމަތް ފެށުން / ފޮޓޯ: އެމްޓީށިށީ

މީގެ އިތުރުން 3 އަހަރުން ދަށުގެ ކުދިންނަށާއި، ސްކޫލް ކުދިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށް އާރްޓީއެލް ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ މުޅިން ހިލޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ފެންވަރު ރަނގަޅު ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ހިދުމަތުގެ ތެރޭގައި އާރްޓީއެލް ފެރީ އަދި ބަހުގެ ހިދުމަތް ދިނުން ހިމެނެއެވެ. އެގޮތުން އެ ހިދުމަތް ދިނުމަށްޓަކައި އާރްޓީއެލް ބްރޭންޑު ކުރެވިފައިވާ ފެންވަރު ރަނގަޅު އާ 41 ބަސް ވަނީ ރާއްޖެއަށް ގެނެސްފައެވެ. މި ބަސްތަކަކީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ބޮޑުމިނާއި ޖާގައިގެ ބަސްތަކެކެވެ. އެއާ ކޮންޑިޝަން ކޮށްފައިވާ މީގެން ކޮންމެ ބަހެއްގައި އެއްފަހަރާ 20 މީހުންނަށް ދަތުރު ކުރެވޭނެއެވެ.