ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު އުފެއްދެވި ދޮގު ތުހުމަތަކާ ގުޅިގެން އެމަނިކުފާނާއި އާއިލާއަށް އަނިޔާވެރި ބަސްތައް ރައްދުކޮށް އަމަލުން އަނިޔާވެރިވީ އެންމެނަށް މައާފު ކުރައްވައިފި ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ފޮޓޯ ހުރި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ތުހުމަތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައި މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

އެ މީހާ ބުނެފައި ވަނީ ރައީސް ނަޝީދު ފަދަ "ކޮންޓުރޯލުން ނެއްޓިފައިވާ މީހަކާ" އެކު ވެރިކަން ކުރެއްވުމުގައި ރައީސް ވަހީދަށް ކުރިމަތިވެ ވަޑައިގަންނަވާނެ ގޮންޖެހުންތަކާއި އުދަގޫތައް މިއަދު އިހުސާސްވާ ކަމަށާއި ކުރިން ރައީސް ވަހީދަށް ބާޣީއަށް ގޮވުނީތީ މައާފަށް އެދޭ ކަމަށެވެ. އަދި މިއަދު ރައީސް "ނަޝީދުގެ ފެންވަރު" އެބަ ވިސްނޭ ކަމަށްވެސް އެ މީހާ ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ރައީސް ކަމުން އިސްތިއުފާދެއްވުމާ ގުޅިގެން ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަމާއެކު ރައީސް ނަޝީދާއި އެމްޑީޕީން ވަނީ ބާޣީއެއް ކަމަށް ސިފަކޮށް، ވަރަށް ހުތުރު ބަސްތައް ޑރ. ވަހީދާއި އެމަނިކުފާނުގެ އާއިލާއަށް ރައްދު ކޮށްފައެވެ.