ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯ ހުރި ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތަކާ ގުޅިގެން ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ދެއްކެވި ވާހަކަތަކަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފާޑުކިޔައިފިއެވެ.
އެކަމާ ގުޅިގެން އިދިިކޮޅުން ބުނީ އެ ވަރުގެ ބޮޑު ތުހުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމުން ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ނޫން ކަމަށާއި އެ ކަމުން ބަރީއަވުމަށްޓަކައި ފުރިހަމަ މިނިވަން ތަހުގީގަކަށް ފުރުސަތު ދޭން އެދޭ ކަމަށެވެ.
އެ ފޮޓޯތަކުގެ މައްސަލާގައި ރައީސް ސޯލިހު ބަހެއް ވިދާޅުވެފައި ނުވާއިރު މަބްރޫކް ވަނީ ރައީސް ފާހިޝް އަމަލު ހިންގަވާތަން ފެންނަ ފޮޓޯ ހުރިކަމަށް ވިދާޅުވެ ނަޝީދު ހައްދަވަނީ ހުސް ދޮގު ކަމަށާއި އެފަދަ ކަމެއް ކުރައްވާފައި ނުވާ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވާ ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލައިގެ ތެދު ދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާވާ ކަމަށާއި އެހެންކަމުން އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށް، ހާއްސަކޮށް ދިވެހި ފުލުހުންނަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި އެ މައްސަލައިގެ ތަހުގީގަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަހުގީގަކަށް ހެދުމަށްޓަކައި ވަގުތީ ގޮތުން ނަމަވެސް ތަހުގީގު ނިމެންދެން ރައީސް ސޯލިހު އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މަގާމުން އެކަހެރިވުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
އިދިކޮޅުން އިތުރަށް ބުނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ކަޅު ދަބަސް ގެންދިޔަ މައްސަލަ އޮއްބާލިގޮތަށް މި މައްސަލަ އޮއްބާ ނުލުމަކީ ދިވެހި ރައްޔިތުންގެ އާދޭހެއް ކަމަށެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގައި ރައީސް ސޯލިހު އަރިހުން އައްސަވަން ބޭނުންފުޅުވަނީ ފޮޓޯ ހުރި ހުރިހާ އެންމެން ހިމާޔަތްކޮށްފައި، އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރީ ކީއްވެތޯ ކަމަށެވެ. އަދި ރައީސް ސޯލިހު ބަދު އަހުލާގީ އަމަލު ހިންގަވާ ފޮޓޯތައް ފުލުހުގައި ފޮރުވީތޯ ވެސް ރައީސް ނަޝީދު ސުވާލު ކުރައްވައެވެ.
ނަޝީދު އިތުރަށް ވިދާޅުވަނީ އަންހެން ކުއްޖަކާ އެކު ރައީސުލްޖުމްހޫރިއްޔާ ޖިންސީ ގުޅުން ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް މީހަކު އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރައްވަންވީތޯ ވެސް ނަޝީދު ސުވާލު ކުރައްވައެވެ.
ނަޝީދު ވަނީ ފޮޓޯ އިން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު ހައްޔަރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނާޒިމްގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފައެވެ.
ކަލޭމެން ޔާމީނު ކުރި ވަންކަން ތަހުގީގު ކުރުމަށް ގޮވާލަން