އިރާގުގެ ވެރިރަށް ބަގުދާދުގައި ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ ކޮށްފައި ވާ ސަރަހައްދު ހުރަސްކޮށް، އެ ގައުމުގެ އެތައް ސަތޭކަ އާންމުންނެއް، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދެގެންފިއެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދެގެންފައި ވަނީ މުގްތަދާ އަލް-ސޮދްރުގެ ސަޕޯޓަރުން ކަމަށް މައުލޫމާތު ލިބެއެވެ. މަޖިލީހުގެ އިމާރާތުގެ ތެރެއަށް އެމީހުން ވަދެގަތީ ބޮޑުވަޒީރު ކަމުގެ މަގާމަށް، އިދިކޮޅު ކެންޑިޑޭޓެއްގެ ނަން ހުށަހެޅުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

އޮކްޓޯބަރު 2021 ގައި އިރާގުގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ގެންދިޔައީ ސޮދްރުގެ ސިޔާސީ އިއްތިހާދުންނެވެ. ނަމަވެސް ވޯޓަށް ފަހު އިރާގުގައި އުފެދުނު ސިޔާސީ ދެބަސްވުންތަކާ ހެދި، ސޮދްރަށް ވެރިކަމަށް ވަޑައިގެންނެވޭ ގޮތް ވަނީ ނުވެފައެވެ.

ގިނަ އަދަދެއްގެ އެމްބަސީތަކެއްވެސް ހިމެނޭހެން އިރާގުގެ މުހިންމު އިމާރާތްތަކެއް ހުންނަ ގްރީން ޒޯން ފަޅާލުމަށްފަހު ސޮދްރުގެ ސަޕޯޓަރުން މަޖިލީހަށް ވަދެގެންފައި ވާ އިރު، މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް، ސަލާމަތީ ބާރުތަކުން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރި ކަމަށް މައުލޫމާތު ލިބެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ދޫކޮށް ދިއުމަށް، އިރާގުގެ މިހާރުގެ ބޮޑުވަޒީރު މުސްތޮފާ އަލް-ކަދީމީ ވަނީ މުޒާހަރާގެ ބައިވެރިންނަށް ގޮވާލައްވާފައެވެ. އޭރު އެމީހުން ދިޔައީ މަޖިލީސް ތަޅުމުގައި ލަވަކިއާ ނަށާ ހެދުމުގެ އިތުރުން، މޭޒުތަކުގައި އޮށޯވެ އޮތުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގަމުން ކަމަށް ހަބަރު ލިބެއެވެ.

އިރާގުގެ ސިޔާސީ މަސްރަހުގައި އުފެދިފައި ވާ ދެބަސްވުންތަކަށް ހައްލު ނުލިބި، ނުތަނަސްކަން ދެމިގެން ދާތާ 9 މަސް ދުވަސް ވަނީ ވެފައި ވާ އިރު، އާ ސަރުކާރެއް އެކުލަވާލުމަށްވެސް އެކަމުގެ ސަބަބުން ވަނީ ހުރަސް އެޅިފައެވެ.

ޝީއީ އިމާމެއް ކަމަށް ވާ ސޮދްރަކީ އެމެރިކާއިން އިރާގަށް އެރި އެރުމާ ދެކޮޅު ފިކުރުގެ ސިޔާސީ ޝަހްސެކެވެ. އޮކްޓޯބަރުގެ އިންތިހާބުގައި ކާމިޔާބު ހޯދިއްޖެ ކަމަށް ވަކާލާތު ކުރެއްވި ނަމަވެސް، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަން ސޮދްރު ދެކޮޅު ހެއްދެވުމުގެ ނަތީޖާއެއްގެ ގޮތުން ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭ ގޮތް އޮތީ ނުވެފައެވެ.

ސޮދްރާއި އޭނާގެ ސަޕޯޓަރުން ދަނީ އިރާގުގެ ބޮޑުވަޒީރު ކަމަށް މުޙައްމަދު އަލް-ސޫދާނީގެ ނަން ހުށަހަޅާފައި ވާ އިރު، އެކަމާ ދެކޮޅު ހަދަމުންނެވެ. ސަބަބެއް ކަމުގައި ވަނީ އަލް-ސޫދާނީއާއި އިރާންގެ ގުޅުންތައް ބަދަހި ވުމެވެ.

ސޮދްރުގެ ސަޕޯޓަރުން 2016 ވަނަ އަހަރުވެސް އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދެގަތެވެ.

އދއިން ވަނީ ސުލްހަވެރި ކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދާ ކަމުގައި ވަނީ ނަމަ، މުޒާހަރާ ކުރުމުގެ ހައްގު އެބަ އޮތް ކަމަށް ބުނެފައެވެ.