އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމާ ގުޅިގެން ފުލުހުން އެކަން ބަލަން ފަށައިފިއެވެ.

"ލޫޓުވާލައިފި" ނަމުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން މަގު މައްޗަށް ނުކުމެ އޭގެތެރެއިން ބައެއް މީހުން ފުލުހުންނާއި ކުރިމަތިލާ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާ ގުޅިގެން އެ މުޒާހަރާއިން ވަނީ ޖުމްލަ 8 މީހަކު ހައްޔަރުކޮށްފައެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އަދި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ހިމެނެއެވެ. މީގެ އިތުރުން އަލީ ޖުމާން، މުހައްމަދު ހަލަފު އިބްރާހިމް، އަޒްމީ އަލީ އަދި ހަސަން ޝާކިރު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް މުހައްމަދު ހަލަފު އިބްރާހިމް ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލާފައެވެ.

އެމްޑީޕީން މިރޭ ބުނީ ބަންދުގެ މުއްދަތު އިތުރުކުރި ހަ މީހަކު ބަނޑުހައިހޫނުގެ ހަޅުތާލެ ކުރަމުންދާ ކަމަށާއި އެމީހުން ހަޅުތާލު ކުރަމުންދަނީ ފަރުވާ ހޯދުމުގައި ތަފާތުކުރުމާއި ފަރުވާ ހޯދަން ހުރަސްއެޅުން އަދި ތަހުގީގު ލަސްވުމުން ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުންގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާތީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެކަން މޮނިޓާ ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ކުރުމުގައި ހަރަކާތްތެރިވާ ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް، ހިންގަމުންދާ އަމަލުތަކާ ގުޅިގެން ފުލުހުންގެ އިދާރާއިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާ އަށް ނަފްރަތު އުފެދޭ ގޮތަށާއި އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި އެ މުޒާހަރާގައި ސަރުކާރަށް ކުރި ޑިމާންޑުތަކަށް އިޖާބަ ނުދީފި ނަމަ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އަނެއްކާވެސް ބޮޑު މުޒާހަރާއެއް ކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.