ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއި ދަރަނި ބޮޑުވުމުގެ ނުރައްކާ އިގްތިސޯދަށް އެބައޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް މިދިޔަ މަހުގެ 21-29 އަށް ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. އެ ވަފުދުގެ ހޯދުންތަކާއި ދެކޭ ގޮތް ހާމަކޮށް ނެރުނު ބަޔާނުގައި ބުނީ މި އަހަރުގެ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާ ކުރެވެނީ 8.7 ޕަސެންޓުގައި ކަމަށެވެ.
އައިއެމްއެފްއިން ބުނީ ރާއްޖޭގެ އިގްތިސޯދީ ދުވެލި ބާރުވަމުން އައި ނަމަވެސް ބޭރު ފައިސާގެ ރިޒާވް ދަށަށްދާތީ ދަރަނި ބޮޑުވުމުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑަށް އޮތް ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރު 3.1 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު އިތުރުވާނެ ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބާއެކު އިތުރު ހަރަދުތައް ކުރަން ޖެހޭނެ ކަމަށް ވެސް އައިއެމްއެފް އިން ބުނެއެވެ.
ދުނިޔޭގެ އިގްތިސޯދަށް އަންނަ ލޮޅުންތަކާއި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ އިގްތިސާދު ދަށަށް ދިއުމާ ގުޅިގެން އެ ގައުމުތަކުން ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ބިރު އޮތް ކަމަށްވެސް އައިއެމްއެފްއިން ބުނެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ފައިސާ ދޭން ޖެހުމާއި އެ ކުންފުނިތަކުގެ ދަރަނި ދައްކައިދޭން ސަރުކާރަށް ޖެހުމަކީ ވެސް ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އައިއެމްއެފްއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ބޭރުފައިސާގެ ރިޒާވް ދަށްވީ އެއްގޮތަކަށްވެސް ބޭރުފައިސާ ރާއްޖެ އަށް ނުލިބޭތީކީ ނޫނެވެ. މާލީސިޔާސަތު ދޯހަޅިވެ އިސްރާފު ބޮޑުވުމުގެ ސަބަބުންނެވެ. އެހެން އެވަނީ ޚުދުމުޚުތާރުކަން ބޮޑުވެ ވެރިކަމަކީ ތިމާގެ ތަރިކަ މުދަލެއްހެން ހިތުހުރި ގޮތަކަށް ތަޅާބުރުއްސީމައެވެ.