2015 ވަނަ އަހަރުގެ ތެރޭގައި ކ. ފުށިދިއްގަރު ފަރަށް ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި ލިބުނު ގެއްލުންތަކަށް ޖޫރިމަނާގެ ގޮތުގައި ދައްކަން އެންގި 100 މިލިއަން ރުފިޔާ ނުދެއްކުމުން ޝަރީއަތް މެދުވެރިކޮށް ހޯދަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ހުށަހަޅައިފިއެވެ.

މުތާ ރޯޔަލް ނަމަކަށް ކިޔާ ޓަގް ބޯޓަކާއި މުތާ ގްރޭސް ނަމަކަށް ކިޔާ ބާޖެއް އެ ފަރަށް އަރާފައި ވާއިރު ހޭންޑްލިން ޕާޓްނަރު މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

އެ ފައިސާ ނުދައްކާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އީޕީއޭއިން ވަނީ އެ ފައިސާ ހޯދުއިދޭން އެދި އޭޖީ އޮފީހަށް ހުށަހަޅާފައެވެ.

އެ ފަރަށް 4370 އަކަ މީޓަރުގެ ގެއްލުމެއްވެފައި ވާއިރު އެ ގެއްލުމަށް ވަނީ 110 މިލިއަން ރުފިޔާއަރައެވެ. އެހެންނަމަވެސް، ގާނޫނުގައި ވާގޮތުން ޖޫރިމަނާ ކުރެވޭ އެންމެ މަތީ އަދަދަކީ 100 މިލިއަން ރުފިޔާކަމުން އެ ކުންފުނީގެ މައްޗަށް ދައްކަން އަންގާފައި ވަނީ 100 މިލިއަން ރުފިޔާއެވެ.