އެމްއެންޕީގެ ވެރިކަމެއްގައި، ދިވެހިންގެ މިނިވަންކަމަށް ބުރު އަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައެވެ. ނާޒިމް ވިދާޅުވީ، މިނިވަންކަމަށް 57 އަހަރު ފުރިގެން ދާއިރު ބާޒާރުގައި މުދަލުގެ އަގު ބޮޑުވެ، އާންމު ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދައްވަމުންދާ ކަމަށެވެ. އަދި ދައުލަތާ، ސަރުކާރުގެ ހިދުމަތާ އެކަށީގެން ނުވާވަރަށް ދައުލަތް ބޮޑުކޮށް، އިސްރާފް ފޫބެއްދުމަށް ހަރުދަނާ ފިޔަވަޅެއް ނޭޅި އިރު ރައްޔިތުން އަތުންނަގާ ޓެކްސް އިތުރު ކުރުން އެއީ ހަމައެކަނި ހައްލުކަމަށް ގަބޫލު ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިވަންކަމަށް 57 ފުރޭއިރު ޑިމޮކްރަސީގެ އެއްއަސާސް ކަމުގައިވާ މިނިވަން ނޫސްވެރިކަން ނޭވާ ހޮޅިއަށް އެޅިފައިވާ ކަމަށާއި ހިޔާލު ފާޅުކުރުމުގެ ހައްގުގާ ހިލި ހިލާ ޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ދިވެހިންނަށް މިނިވަންކަން ލިބުތާ 57 އަހަރު ފުރި އޭގެ އުފާ އަޅުގަނޑުމެން ފާހަގަ ކުރާއިރު އަޅުގަނޑުމެންގެ ހާލަކީ މިއީ. އަޅުގަނޑުމެންގެ މިނިވަންކަމާ، އިސްތިގްލާލާ، މާތްވެގެންވާ އިސްލާމްދީން ގެ މަތިވެރި އުސޫލްތައް ނަގަހައްޓާ ދިވެހިންނަށް ހިދުމަތް ދިނުމުގައި ހަމަ ހަމަކަން ގާއިމްކޮށްދީ، ދިވެހިން އެދޭ، އުންމީދީ ދިވެހި ރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑު މިހިރީ ކެރިގެން ކުރިމަތި ލާން.
އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް

ނާޒިމް ވިދާޅުވީ، މި ގައުމުގެ ސަލާމަތާ ރައްކާތެރިކަމާ މެދު އެތައްބައެއްގެ ހިތްތަކުގައި ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ހަރިޖީ ސިޔާސަތު ބައްޓަންވެފަ ވަނީ ދިވެހިންގެ މަސްލަހަތު އިސްކޮއްގެންތޯ، އެތައްބަޔަކު ސުވާލު އުފައްދަމުންދާ ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި، ދިވެހިންގެ މިނިވަންކަމަށް ބުރު އަރާފާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

އަދި ދިވެހިންގެ ލޮބުވެތި ފަސްގަޑުން ހަމަ ހިލާ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ނުދޭނެ ކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވާފައެވެ.