މި ފަހަކަށް އައިސް ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދަކަށް ރިޕޯޓް ކުރަމުންދާ މަންކީޕޮކްސް ބައްޔާ މެދު ވަރިހަމަ ވެގެން ތިބެވެން ނެތް ކަމަށާ، އެ ބައްޔަކީ ވަކި ކަހަލަ ބައެއްގެ މެދުގައި ފެތުރެމުންދާ ބައްޔެއް ކަން ޔަގީންކަމާއެކު ކަށަވަރު ވާން ނެތް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ދީފިއެވެ.

މަންކީޕޮކްސް ބަލީގެ ކޭސްތައް މި ދުވަސްވަރު އާންމުކޮށް ފެންނަމުން ދަނީ އެއްޖިންސުން ގުޅުން ހިންގާ މީހުން، ވަކިން ހާއްސަކޮށް އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ކަމަށް ތަފާސް ހިސާބުތަކުން ދެއްކި ކަމުގައި ވީ ނަމަވެސް، މި ބައްޔަކީ ހަމަ އެކަނި އެފަދަ މީހުންގެ މެދުގައި ހިފެހެއްޓިފައި އޮންނާޏެ ބައްޔެއް ކަމަށް ބާރު ދޭނެ މާ ބޮޑު ހެއްކެއް ނެތް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ ސީނިއާ އެމާޖެންސީ އޮފިސާ ޑރ ކެތެރީން ސްމޯލްވުޑް ވިދާޅުވީ، މިދުވަސްވަރު ކޭސް ރިޕޯޓް ކުރަމުން ދަނީ އެއްޖިންސުން ގުޅުން ހިންގާ މީހުން، ވަކިން ހާއްސަކޮށް އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ކިބައިން ކަމުގައި ވީ ނަމަވެސް، އެކަން އެ ގޮތުގައި ދެމި އޮވެދާނެ ކަމަށް ގަބޫލު ކޮށްގެން ނުވާނެ ކަމަށެވެ.

ވަކި ގުރޫޕެއް ނުވަތަ އާބާދެއްގެ ތެރޭގައި ބަލިމަޑުކަމެއް ފެތުރުމަށްފަހު، އާންމު މުޖުތަމައުގެ ތެރެއަށްވެސް އެ ބައްޔެއް ފެތުރިގެން ދިއުމަކީ އާންމުކޮށް ހިނގާ ކަމެއް ކަން ޑރ ސްމޯލްވުޑް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ ކުރިން އެފްރިކާ ސަރަހައްދުން ފެންނަމުން ދިޔަ މަންކީޕޮކްސް، ދުނިޔެގެ އެކި ހިސާބުތަކުގައި ފެތުރެމުން ދާ ކަން ބައިނަލްއަގުވާމީ ސަމާލުކަމަށް އައީ މެއި މަހު، އިނގިރޭސިވިލާތުން ކޭސް ރިޕޯޓް ކުރި ހިސާބުންނެވެ. އޭގެ ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 75 ގައުމަކުން، 16000 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވާ އިރު، މަރުގެ 5 ކޭސް ރެކޯޑް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޭސްތަކުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ ވިލާތުންނެވެ.

ލެބޯޓްރީއެއްގައި ދިރާސާއެއް ކުރުމަށް މީހަކު ހަރަކާތްތެރި ވަނީ / ފައިލް ފޮޓޯ: ދި އެޓްލާންޓިކް

އެފްރިކާ ސަރަހައްދުން ބޭރުން ރުޕޯޓް ކޮށްފައި ވާ ކޭސްތަކުގެ 99 ޕަސެންޓް ހިއްސާ ކުރަނީ ފިރިހެނުން ކަމަށް ވާއިރު، 98 ޕަސެންޓް ހިއްސާ ކުރަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ކަން މިހެން އޮތް ނަމަވެސް، ކޮންމެ ފަދަ މީހަކަށްވެސް ބަލި ޖެހިދާނެ ކަމަށް، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އާއި ޑަބްލިއުއެޗްއޯއިން ދަނީ ހަނދާން ކޮށްދެމުންނެވެ.

މަންކީޕޮކްސްއިން ދިފާއުވުމަށް މިހާރުވެސް ވެކްސިން ބޭނުން ކުރާ ކަމަށް ޑަބްލިއުއެޗްއޯގެ ވެބްސައިޓްގެ މަންކީޕޮކްސް ބައްޔާ ގުޅޭ އާންމު ސުވާލާއި ޖަވާބުގެ ބާބުގައި ހިއްސާ ކޮށްފައިވެއެވެ. އެ ވެކްސިނަކީ ދާދި ފަހުން ރުހުން ދީފައި ވާ ވެކްސިނެއް ކަމަށާ، ނުރައްކާ ބޮޑު މީހުން އެ ވެކްސިން ބޭނުން ކުރުމަށް ބައެއް ގައުމުތަކުން މިހާރުވެސް އިރުޝާދު ދެމުން ދާކަމަށް ޑަބްލިއުއެޗްއޯގެ ވެބްސައިޓްގައި ވެއެވެ.

މަންކީޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރުމަށް ހުއްދަ ދީފައި ވަނީ ދުނިޔެއިން ނައްތާލާފައި ވާ ސްމޯލްޕޮކްސް ނުވަތަ ކަށިވިދުރި ބަލިން ދިފާއުވުމަށް، ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައި ވާ ވެކްސިންތަކުގެ ތެރެއިން ވެކްސިނެކެވެ.

ކަން މިހެން އޮތް އިރު، މަންކީޕޮކްސް ވެކްސިން ޖަހަން ޑަބްލިއުއެޗްއޯއިން އިރުޝާދު ދެނީ، ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުންނެވެ. އޭގެ ތެރޭގައި، ބަލި ޖެހިފައި ވާ މީހުންގެ ގާތް ކޮންޓެކްޓުން ހިމެނެއެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ހިންގި ފަދަ އާލަމީ ވެކްސިން މަޝްރޫއަކަށް ޑަބްލިއުއެޗްއޯއިން އަދި އިރުޝާދެއް ނުދެއެވެ.