57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު ބާއްވަން ހަމަޖެހިފައިވާ ޕެރޭޑް ކުރިއަށްދާ ވަގުތު މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް އަށް ބަދަލު ގެންނާނެއެވެ.

ފުލުހުން ބުނީ، އެގޮތުން ޕެރޭޑް ކުރިއަށް ދާ ވަގުތު ގައި މާލޭގައި މައި އެއް މަގު ކަމަށްވާ މަޖީދީ މަގު އިރުން ހުޅަނގަށް ވަންވޭ ކުރަން ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު ބައެއް ޕާކިން ޒޯން ހުސް ކުރުމަށާއި، ބައެއް ސަރަހައްދުތަކަށް ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ވެސް ނުވަދެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުން އަދި ހަވާއެރުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޯ ހަމަޖެހިފައިވާ ގޮތް ހާމަ ކުރަމުން ފުލުހުން ބުނީ، އެއް ނަންބަރު ޖެޓީ ސަރަހައްދާއި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދަށް ހިނގާ މީހުންނާއި އުޅަނދު ފަހަރު ވަނުން މަނާ ވާނެ ކަމަށެވެ. ހަމަ އެ ވަގުތު ތަކުގައި އެއް ނަންބަރު ޖެޓީ ސަރަހައްދަށް ކަނޑު ދަތުރު ކުރާ އުޅަނދު ފަހަރު ވަނުމަކީ ވެސް މަނާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ޝަހީދު ހުސައިން އާދަމް ބިލްޑިން ހުރި ބްލޮކާއި ޖުމްހޫރީ މައިދާން ހުރި ބްލޮކް ސަރަހައްދުގައި ހުރި ޕާކިން ޒޯންތައް ހުސް ކުރުމަށް ފުލުހުން ވަނީ އަނގާފައެވެ. އަދި އެ ސަރަހައްދުން ޖުމްހޫރީ މައިދާނަށް ދެވޭ މަގުތަޖުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭނެ ހެން ބަންދުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.