44 ބިލިއަން ޑޮލަރަށް، ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ކުންފުނި، ޓްވިޓާ ގަތުމަށް، ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޯން މަސްކު ތައްޔާރު ވުމަށް ފަހު، އެ މުއާމަލާތު ކުރިއަށް ނުގެންދާން ނިންމުމާ ގުޅިގެން ޓްވިޓާއިން ކޯޓަށް ވައްދާފައި ވާ މައްސަލާގައި، މަސްކާ ދެކޮޅަށް ޓްވިޓާއިން ފުރަތަމަ ކާމިޔާބީ ހޯދައިފިއެވެ.

ޓްވިޓާ ކުންފުނީގެ އެދުމާ އެއް ގޮތަށް އެމެރިކާގެ ޑެލަވެއާގެ ޗާންސެރީ ކޯޓުގެ އިސް ފަނޑިޔާރު ކެތަލީން ސެއިންޓް ޖޭ މެކޯމިކް ވަނީ، އަވަސް ނިޔާގެ އުސޫލުން ޝަރިއަތުގެ ދުވެލި ހަލުވިކޮށް، އޮކްޓޯބަރު މަހު އެ މަސައްކަތް ފަށަން އެއްބަސްވެވަޑައިގެންފައެވެ.

ފެބުރުއަރީ 2023 ގައި 2 ހަފުތާގެ ތެރޭގައި ޝަރިއަތް ކުރިއަށް ގެންދިއުމަށް މަހުޖަނު މަސްކު ހުށަހެޅި ނަމަވެސް، ޑެލަވެއާގެ ޗާންސެރީ ކޯޓުގެ އިސް ފަނޑިޔާރު ކެތަލީން ސެއިންޓް ޖޭ މެކޯމިކް ވަނީ އޮކްޓޯބަރު މަހުގެ 5 ދުވަހުގެ ތެރޭގައި ޝަރިއަތް ކުރިއަށް ގެންދިއުމަށް، މައްސަލައިގެ ދުވެލި ހަލުވި ކުރައްވާފައެވެ.

ޓްވިޓާ ކުންފުނި ގަތުމުގެ މުއާމަލާތުން މަސްކު ހަވާސާ ވުމާއެކު ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައި ވާ ކަމަށް ޓްވިޓާއިން ވަކާލާތު ކުރަމުން ދާ އިރު، ކޯޓުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނީ މަސްކަށް ކަމަށް ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.

ޑެލަވެއާގެ ޗާންސެރީ ކޯޓުގެ އިސް ފަނޑިޔާރު ކެތަލީން ސެއިންޓް ޖޭ މެކޯމިކް ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ޗަރިއަތް ގެންދަން އެންމެ އެކަށީގެންވާ ދުވަސްތައް ކަނޑައެޅުމަށް ދެ ފަރާތަށްވެސް ފުރުސަތު ދެއްވާފައެވެ. ޖޫރީންނާވެސް ނުލާ ކުރިއަށް ގެންދާ ޝަރިއަތާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ ބައްދަލުވުން ދޮޅުގަޑިއެއްހާއިރުގެ ތެރޭގައި ނިންމާލިއިރު، އެ ބައްދަލުވުމުގައި ފަނޑިޔާރު ބައިވެރިވެވަޑައިގަތީ ކޮވިޑާ ގުޅިގެން ރިމޯޓް ކޮށެވެ.

އެ ނިންމުމާ ގުޅިގެން، ޓްވިޓާގެ ހިއްސާގެ ވިޔަފާރި ވަނީ ހެޔޮ ފާލަކަށް އެޅިފައެވެ. އެގޮތުން ޓްވިޓާ ކުންފުނީގެ ހިއްސާގެ އަގުތައް، 5.4 ޕަސެންޓް އުފުލުނު ކަމަށް މައުލޫމާތު ލިބެއެވެ.