ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ދުވަސްވަރު ރިޕޯޓް ކުރަމުން ދާ މަންކީޕޮކްސް ބަލި ޖެހިފައި ވާ މީހުންނަށް ފަރުވާ ދޭ ކޮޓަރީގެ އެކި ހިސާބުތަކާއި ފާހާނާތަކުގައި، އެ ބަލި ޖެއްސުމުގެ ބާރު ލިބިފައި ވާ ކަމަށް ބެލެވޭ ވައިރަސް ދައުރުވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ފަހުގެ ދިރާސާތައް އާންމު ކުރަމުންދާ ވިލާތުގެ ޖާނަލްއެއް ކަމަށް ވާ ޔޫރޯސާވޭލަންސްގައި އާންމު ކޮށްފައި ވާ ދިރާސާ ބުނާ ގޮތުގައި ބަލި މީހުން ތިބި ކޮޓަރިތަކާ އިންވެގެން ހުރި، މުވައްޒަފުންގެ ކޮޓަރިތަކުންވެސް ވައިރަހުގެ އަސަރު ވަނީ ފެނިފައެވެ. ނަމަވެސް އެ ކޮޓަރިތަކުން ފެނުނު ވައިރަހުގެ ކުޑަ މިންވަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ކަންކަމަށް ރިއާޔަތް ކުރާ އިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ ސެނިޓައިޒް ކުރުމުގެ އިޖުރާއަތުތައް ހަރުދަނާ ކުރުމަށް ދިރާސާގައި ވަނީ ގޮވާލާފައެވެ.

ސައިބޯނި ލައިގެން އަތް ދޮވުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

ޔޫރޯސާވޭލަންސްގައި އާންމު ކުރި ދިރާސާ އެކުލަވާލާފައި ވަނީ، ޖޫން މަހުގެ ފަހުކޮޅު، ޖަރުމަނުވިލާތުގެ ހޮސްޕިޓަލެއްގައި މަންކީޕޮކްސް ބައްޔަށް ފަރުވާ ހޯދި 2 ޕޭޝަންޓަކަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ދިޔަ ސަރަހައްދުތަކުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާ ކޮށެވެ.

ބަލި މީހުން ތިބި ކޮޓަރިތަކުން ސްވަބް ސާމްޕަލް ނަގާފައި ވާ އިރު، އެކި ހިސާބުތަކުގައި އެކި ދަރަޖައަށް ވައިރަހުގެ އަސަރު ހުރި ކަމަށް ވަނީ ދައްކާފައެވެ.

މަންކީޕޮކްސް ޖައްސާވައިރަހުގެ ލޯޑް އެންމެ ބޮޑު ކަމަށް ދައްކާފައި ވަނީ ބަލި މީހުން ބޭނުން ކުރި ފާހާނާތަކުގައެވެ. ވަކިން ހާއްސަކޮށް އަތްލާ ހަދާ ތަންތަނުގައެވެ. އޭގެ ތެރޭގައި ފާހާނާ ތައްޓާއި، ސިންކުގެ ފެން ކޮންޓްރޯލް ކުރަން ބޭނުން ކުރާ ލީވަރުތަކާއި، ދިޔާ ސައިބޯނި ފިތަން ބޭނުން ކުރި ބުމްބާ ނުވަތަ ސޯޕް ޑިސްޕެންސަރުތައް ހިމެނެއެވެ.

ސިއްހީ ހިދުމަތްތެރިން ޕީޕީއީގައި / ފޮޓޯ: ގެޓީ އިމޭޖަޒް

ބަލި މީހުންގެ ކޮޓަރިތަކުގެ ދޮރުގެ އަތްގަނޑުތަކާއި، ގޮނޑީގެ ސަތަހަ އަދި ފޮތިގަނޑުތަކުގައިވެސް ވައިގެ ތަޣައްޔަރުކަން ވަރަށް ބޮޑަށް ހުރި ކަމަށާ، ޓެސްޓަށް ސާމްޕަލް ނެގި ހުރިހާ ތާކުންވެސް ވައިރަހުގެ އަސަރު ފެނުނު ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެ ތަންތަނުގައި ޕޭޝަންޓުން އެންމެ ފަހުން އަތްލިތާ ކިހާ ވަގުތެއް ހޭދަވިކަމެއް އެނގިފައި ނުވާ ކަމަށްވެސް ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.

ބަލި މީހުންގެ ކޮޓަރިތަކާ އިންވެގެން ހުރީ މުވައްޒަފުން ޕީޕީއީ އަޅާ، ބޭލުމަށް ބޭނުން ކުރާ ކޮޓަރި ކަމަށާ، އެ ކޮޓަރިންވެސް ވައިރަހުގެ އަސަރު ފެނުނު ކަމަށް ދިރާސާ ކޮށްފައި ވާ އިރު، ވޯޑުން ގޮސް އެ ކޮޓަރިއަށް ދެވެން ހުންނަ ދޮރުގެ އަތްގަނޑުންވެސް ވައިރަހުގެ އަސަރު ފެނުނު ކަން ފާހަގަ ކޮށްފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިހާރު ވަނީ، މަންކީޕޮކްސްއަކީ އާލަމީ ސިއްހީ ކުއްލި ނުރައްކަލުގެ ދަރަޖާގައި އޮތް ބަލިމަޑުކަމެއް ކަމުގައި ކަނޑައަޅާފައެވެ. އެއީ އެ އިދާރާއިން ނެރޭ އިންޒާރުގެ އެންމެ މަތީ ގިންތީގެ އިންޒާރެކެވެ.

މަންކީޕޮކްސް - ރާއްޖެއިން ފެނުމުގެ ފުރުސަތު ބޮޑު

އަދި ބަލިޖެހިފައި ވާ އާބާދުތަކުގެ ސިއްހަތާއި، އިންސާނީ ހައްގުތަކާއި އަބުރު ރައްކާތެރި ވާނެހެން ފިޔަވަޅުތައް އެޅުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގައުމުތަކަށް ގޮވާލާފައެވެ.

މީގެ ކުރިން އެފްރިކާ ސަރަހައްދުން ފެންނަމުން ދިޔަ މަންކީޕޮކްސް، ދުނިޔެގެ އެކި ހިސާބުތަކުގައި ފެތުރެމުން ދާ ކަން ބައިނަލްއަގުވާމީ ސަމާލުކަމަށް އައީ މެއި މަހު، އިނގިރޭސިވިލާތުން ކޭސް ރިޕޯޓް ކުރި ހިސާބުންނެވެ. އޭގެ ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 75 ގައުމަކުން، 16000 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވާ އިރު، މަރުގެ 5 ކޭސް ރެކޯޑް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑް ފޮ މަންކީޕޮކްސް، ރޯޒަމަންޑް ލުވީސް ވިދާޅުވީ، މިހާތަނަށް ރިޕޯޓް ކޮށްފައި ވާ ކޭސްތަކަށް ބަލާއިރު 98 ޕަސެންޓް ކޭސް ހިއްސާ ކުރަނީ، އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ދާދި ފަހުން "ބައިވެރިޔަ" ބަދަލު ކުރި މީހުންނާއި ނުދަންނަ މީހުންނާއެކު ގުޅުން ހިންގި މީހުން ކަމަށްވެސް ލުވީސް ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ކޭސްތައް މައިގަނޑު ގޮތެއްގައި ނިސްބަތް ވަނީ، ތަރައްގީ ހިސާބުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

މަންކީޕޮކްސްއިން ދިފާއުވުމަށް މިހާރުވެސް ވެކްސިން ބޭނުން ކުރާ ކަމަށް ޑަބްލިއުއެޗްއޯގެ ވެބްސައިޓްގެ މަންކީޕޮކްސް ބައްޔާ ގުޅޭ އާންމު ސުވާލާއި ޖަވާބުގެ ބާބުގައި ހިއްސާ ކޮށްފައިވެއެވެ. އެ ވެކްސިނަކީ ދާދި ފަހުން ރުހުން ދީފައި ވާ ވެކްސިނެއް ކަމަށާ، ނުރައްކާ ބޮޑު މީހުން އެ ވެކްސިން ބޭނުން ކުރުމަށް ބައެއް ގައުމުތަކުން މިހާރުވެސް އިރުޝާދު ދެމުން ދާކަމަށް ޑަބްލިއުއެޗްއޯގެ ވެބްސައިޓްގައި ވެއެވެ.

މަންކީޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރުމަށް ހުއްދަ ދީފައި ވަނީ ދުނިޔެއިން ނައްތާލާފައި ވާ ސްމޯލްޕޮކްސް ނުވަތަ ކަށިވިދުރި ބަލިން ދިފާއުވުމަށް، ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައި ވާ ވެކްސިންތަކުގެ ތެރެއިން ވެކްސިނެކެވެ.

ކަން މިހެން އޮތް އިރު، މަންކީޕޮކްސް ވެކްސިން ޖަހަން ޑަބްލިއުއެޗްއޯއިން އިރުޝާދު ދެނީ، ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުންނެވެ. އޭގެ ތެރޭގައި، ބަލި ޖެހިފައި ވާ މީހުންގެ ގާތް ކޮންޓެކްޓުން ހިމެނެއެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ހިންގި ފަދަ އާލަމީ ވެކްސިން މަޝްރޫއަކަށް ޑަބްލިއުއެޗްއޯއިން އަދި އިރުޝާދެއް ނުދެއެވެ.