އިނގިރޭސިވިލާތުގެ ދާހިލީ މަސްރަހުގެ އިތުރުން މުޅި ދުނިޔެގެ ސަލާމަތަށް ކުރިމަތި ވެފައި ވާ 1 ނަމްބަރު ނުރައްކަލަކީ ޗައިނާ ކަމަށާ، މަގާމު ކަށަވަރު ކުރެއްވިއްޖެ ކަމުގައި ވަނީ ނަމަ، ޗައިނާއާ މެދު ގެންގުޅުއްވާނީ ހަރުކަށީ އުސޫލެއް ކަމަށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވާދަ ކުރައްވަމުން ގެންދަވާ އިންޑިއާ ނަސްލުގެ ކުރީގެ ޗާންސެލަރު ރިޝީ ސުނާކް ވިދާޅުވެއްޖެއެވެ.

ޗައިނާއާ މެދު ހަރުކަށި އުސޫލެއް ގެންގުޅުއްވާނެ ކަމަށް ސުނާކް ވައުދުވެވަޑައިގެންފައި ވަނީ ޗައިނާއާއި ރަޝިއާގެ ކަންކަމުގައި ސުނާކްއަކީ ބަލިކަށި ބޭފުޅެއް ކަމަށް ވިދާޅުވެ، ވާދަވެރި ކެންޑިޑޭޓް ލިޒް ޓްރަސް އަމާޒު ކުރެއްވި ބަހުގެ ހަމަލާގެ ރައްދުގައެވެ.

ކަން މިހެން އޮތް އިރު ޗައިނާގެ ދައުލަތުން ހިންގާ ގްލޯބަލް ޓައިމްސްއިން ވަނީ، އިނގިރޭސި ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި، އިނގިރޭސިވިލާތާއި ޗައިނާގެ ގުޅުން ތަރައްގީ ކުރުމުގައި ސާފު އަދި އަމަލީ ގޮތުން ހާސިލު ކުރެވޭ ފަދަ ތަސައްވުރެ ގެންގުޅުއްވާ ހަމައެކަނި ބޭފުޅަކީ ސުނާކް ކަމަށް ސިފަ ކޮށްފައެވެ.

ޗައިނާއާ ދެކޮޅަށް ހަރުކަށި ފިކުރެއް ގެންގުޅުއްވާ ސުނާކް ވަނީ، އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުން ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ ބޭރު ކުރައްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ. އެ ކަން މާނަ ކުރައްވަފައި ވަނީ، ދިރާސާތަކަށް ފަންޑު ކުރުމުގެ މާނާގައި ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާއިންވެސް ޗައިނާއާ ދެކޮޅަށް މަސައްކަތް ވަރުގަދަ ކުރާނެ ކަމަށާ، ޗައިނާއާ ކުރިމަތިލުމަށް ނޭޓޯ ފަދަ އަސްކަރީ އިއްތިހާދެއް އެކުލަވާލައްވާނެ ކަމަށްވެސް ސުނާކް ވަނީ ވިދާޅުވެފައެވެ.

އާންމުންގެ މަގުބޫލުކަން ގެއްލިވަޑައިގެން، ބޮޑުވަޒީރު ކަމުގެ މަގާމުން ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވުމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް މެންބަރަކު ހޮވުމުގެ ކަންކަން އެ ގައުމުގައި ބާރު ދުވެލީގައި ކުރިއަށް ދާ އިރު، އެ މާގަމަށް ވާދަ ކުރައްވަމުން ގެންދަވަނީ ކުރީގެ ޗާންސެލަރު ސުނާކްއާއި ފޮރިން ސެކްރެޓަރީ ޓްރަސްއެވެ.

ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ވޯޓު ދޭނީ ވެރިކަން ކުރާ ޕާޓީގެ މެންބަރުންނެވެ. ނަތީޖާ އިއުލާން ކުރާނެ ކަމަށް ބަލަނީ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ.