އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ލީޑަރު އަދި ބޮޑުވަޒީރު އައްޔަން ކުރުމަށް ކުރަމުން ދާ މަސައްކަތުގެ ތެރެއިން، މަޖިލީސް މެންބަރުންގެ ވޯޓުގައި، ކުރީގެ ޗާންސެލަރު ރިޝީ ސުނާކް ކުރި ހޯއްދަވައިފިއެވެ.

ސުނާކް ވަނީ 88 ވޯޓު ކަށަވަރު ކުރައްވާފައެވެ. ސުނާކްއާ އެންމެ ގާތުން ވާދަ ކުރައްވާފައި ވަނީ 67 ވޯޓް ހޯއްދެވި ޓްރޭޑް މިނިސްޓަރު ޕެނީ މޯޑޯންޓްއެވެ. 3 ވަނާގައި އޮތީ 50 ވޯޓުގެ ތާއީދާއެކު ފޮރިން ސެކްރެޓަރީ ލިޒް ޓްރަސް އެވެ. ރޭހުގެ ފުރަތަމަ ބުރުން އެލިމިނޭޓްވި 2 ބޭފުޅުންނަކީ ޗާންސެލާ ނަދީމް ޒަހާވީއާއި ހެލްތު ސެކްރެޓަރީ ޖާމީ ހަންޓްއެވެ.

ބޮޑުވަޒީރު ކަމުގެ ރޭހުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ އަދަދު، އަންނަ ހަފުތާ ނިމޭ އިރު 2 އަށް ދަށް ކުރާނެއެވެ. އަދި 160000 އެއްހާ ޕާޓީ މެންބަރުން، އެ ޕާޓީގެ ލީޑަރާއި ގައުމުގެ ބޮޑުވަޒީރު އައްޔަން ކުރުމަށް ވޯޓު ދޭނެއެވެ.

ނަތީޖާ އިއުލާން ކުރާނީ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ.

ޗާންސެލަރު ކަމުގެ މަގާމުން ހުސްވި ހަފުތާގައި ސުނާކް އިސްތިއުފާ ދެއްވީ، އިނގިރޭސި ސަރުކާރުގެ ލީޑަރެއްގެ ގޮތުގައި ބޮރިސް ޖޯންސަން ހުންނެވުމުން އެކަމާ ދެކޮޅުވެރިކަން ފާޅު ކުރެއްވުމުގެ ގޮތުންނެވެ. ސުނާކް ވަނީ ފުރަތަމަ ބުރުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަން ހާމަ ކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމު ހުސްވެފައި ވަނީ، އެ މަގާމު ފުރުއްވަމުން ގެންދެވި ބޮރިސް ޖޯންސަންގެ މަގުބޫލުކަން އެތައް ސަބަބަކާ ހެދި ކުޑަވެ، އެ މަގާމު އަދާ ކުރެއްވުމަށް ހުރަސްތަކަކާ ކުރިމަތިވެވަޑައިގެން، މިދިޔަ ބުރާސްފަތި ދުވަހު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރިޔާސީ ޑިމޮކްރަސީތަކާ ހިލާފަށް، ބަރުލަމާނީ ޑިމޮކްރަސީއެއްގައި ގައުމެއްގެ ބޮޑުވަޒީރު އައްޔަން ކުރާނީ އެ ޕާޓީއަކުންނެވެ. މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ބައެއްގެ އަތުގައި ނަސީބު ހިފައެވެ.

އިނގިރޭސިވިލާތުގެ ސިޔާސީ މަނާޒިރު ލަފާ ކުރާ މުރާސިލުން ސިފަކުރާ ގޮތުގައި، ބޮޑުވަޒީރު ކަމުގެ ގޮނޑިކޮޅުން ދެން ފެނިގެންދާނީ ބޮރިސް ޖޯންސަންއާ ވަރަށް ތަފާތު ޝަހްސެކެވެ. އާ ލީޑަރާއެކު، ސިޔާސީ މަނާޒިރު މުޅިން ބަދަލުވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެއް ކަމެއް ދެމި އޮންނާނެއެވެ. އެއީ އިދިކޮޅު ފަރާތްތަކުން ބޮޑުވަޒީރާ ދެކޮޅުވެރިވާ ދެކޮޅުވެރިވުމެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ބަލުގައި، އެ މަގާމުން ދެން ފެނިގެންދާނީ އިންޑިއާ ދަރިކޮޅުގެ ސުނާކް ކަމަށް އިންޑިއާ މީޑިއާއިން ވަނީ މި އަހަރު ކުރީކޮޅުވެސް ވަކާލާތު ކޮށްފައެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން، ސުނާކް އެންމެ ފުރަތަމަ ޖާގައެއް ކަށަވަރު ކުރެއްވީ 2015 ވަނަ އަހަރުއެވެ.