އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގައި 45 ދުވަހު ހުންނެވުމަށް ފަހު ލިޒް ޓްރަސް އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރު ގެ ކޮޅު ކުރިމަތީ ހުންނަވާ އިސްތިއުފާ އިއުލާނު ކުރައްވާ ލިޒް ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ އޭނާއާ ހަވާލުވި ޒިންމާ އަދާ ކުރެއްވެން ނެތުމުން ކަމަށެވެ.

މަގާމުން އިސްތިއުފާދެއްވާ ސަބަބު ހާމަކުރައްވާ އިތުރަށް ލިޒް ވިދާޅުވީ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުން އޭނާ މަގާމަށް އިންތިހާބު ކުރީ އެގައުމުގެ އިގްތިސާދު ހަމަަައަކަށް އެޅުވުމަށް ކަމަށާއި އެހެންނަމަވެސް އެކަން ފުއްދައި ނުދެވުމުން މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.

އާ ބޮޑުވަޒީރެއް ހަފްތާއެއްގެ ތެރޭގައި އިންތިހާބު ކުރާނެ ކަމަށާއި އެގޮތުން އާ ބޮޑުވަޒީރެއް އިންތިހާބު ކުރެވެންދެން މަގާމުގައި ދެމި ހުންނަވާނެ ކަމަށްވެސް ލިޒް ވަނީ ފާހަގަ ކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ކޮންޒަވޭޓިވް ޕާޓީގެ އާންމު މެމްބަރުންގެ ވޯޓުން ލިޒް އިންތިހާބު ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ. އަދި އޭނާ ވެގެން ދާނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން އެންމެ ކުރު މުއްދަތެއްގައި ކުރެއްވި ބޭފުޅަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާ ބޭފުޅެކެވެ.

ލިޒް އިސްތިއުފާ ދެއްވި އިރު، ހުސްވި ހަފްތާގައި ވަނީ އޭނާގެ ކެބިނެޓްގެ 2 ވަޒީރަކުވެސް އިސްތިއުފާ ދެއްވާފައެވެ.

ލިޒްގެ އިސްތިއުފާ އާ އެކު އިދިކޮޅު ޕާޓީން ވަނީ ވަގުތުން އިންތިހާބެއް ބޭއްވުމަށް ގޮވާލާފައެވެ. ލިޒްގެ އިސްތިއުފާ އާއެކު ދެން ވޮޑުވަޒީރު ކަމަށް ވަޑައިގަތުން އެންމެ ކައިރީ ނިމިދިޔަ އިންތިހާބުގައި ލިޒް އާ ވާދަކުރެއްވި އިންޑިއާ ނަސްލުގެ ރިޝީ ސުނާކް އެވެ. ހަބަރުތައް ބުނާ ގޮތުން، ގިނަބައެއްގެ ތާއީދު އޮތީވެސް އޭނާ އަށެވެ. ދެން ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ، ޕެންނީ މޯޑައުންޓް އާއި ޑިފެންސް ސެކްރެޓަރީ، ބެން ވެލަސް އެވެ.