ހިޖުރަވެރިން ކޮންޓްރޯލް ކުރުމަށް މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވަމުން ގެންދަވާ ލިޒް ޓްރަސް އާއި ރިޝީ ސުނާކު ވައުދުވެވަޑައިގެންފިއެވެ.

ސުނާކު ވިދާޅުވީ އިނގިރޭސިވިލާތުން ހިމާޔަތް ދޭނެ ހިޖުރަވެރިންނަކީ ކޮބައިކަން ކަނޑައެޅުމަށްޓަކާ އެ ލަފުޒު މާނަ ކުރުމުގައި ހަރުކަށި ކޮންޓްރޯލެއް ގެންގުޅުއްވާނެ ކަމަށާ، ރެފިއުޖީންގެ ގޮތުގައި ގައުމަށް އެތެރެވެވޭނެ މީހުންގެ އެންމެ މަތީ އަދަދުވެސް ކަނޑައަޅުއްވާނެ ކަމަށެވެ.

ޓްރަސް ވަނީ ބޯޑަރުގައި ފޯރިމަރަމުންދާ ފައުޖުގެ މެންބަރުންގެ އަދަދު އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ މިހާ ހިސާބަށް އާދެވުނުއިރު ކުދި ބޯޓުފަހަރުގައި އިނގިރޭސިވިލާތަށް އެތެރެވި މީހުންގެ އަދަދު 14000 އަށްވުރެ މައްޗަށް އަރައެވެ.

ރެފިއުޖީންގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން އޭޕްރިލް 2022 ގައި އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ، ގަވައިދާ ހިލާފަށް އިނގިރޭސިވިލާތަށް އެތެރެވާން މަސައްކަތް ކުރާ ރެފިއުޖީން، ރުވާންޑާއިން ހިމާޔަތް ހޯދާ ގޮތަށް އެގައުމަށް ފޮނުވާލާނެ ކަމަށް އިއުލާން ކޮށްފައެވެ.

ނަމަވެސް އެ ޕްލޭންގެ ދަށުން އަދި އެއްވެސް ރެފިއުޖީއަކު ރުވާންޑާއަށް ފޮނުވާލާފައެއް ނުވެއެވެ. އެއީ ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. ޓްރަސް ވަނީ އެ ޕްލޭންގެ މުއްދަތު އިތުރު ކުރައްވާނެ ކަމަށްވެސް ވައުދުވެފައެވެ.

ޓްރަސްއާއި ސުނާކްވެސް ވަނީ އިތުރު ގައުމުތަކާއެކު އެފަދަ އެއްބަސްވުންތައް އެކުލަވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

އާންމުންގެ މަގުބޫލުކަން ގެއްލިވަޑައިގެން، ބޮޑުވަޒީރު ކަމުގެ މަގާމުން ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވުމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް މެންބަރަކު ހޮވުމުގެ ކަންކަން އެ ގައުމުގައި ބާރު ދުވެލީގައި ކުރިއަށް ދާ އިރު، އެ މާގަމަށް ވާދަ ކުރައްވަމުން ގެންދަވަނީ ކުރީގެ ޗާންސެލަރު ސުނާކްއާއި ފޮރިން ސެކްރެޓަރީ ޓްރަސްއެވެ.

ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ވޯޓު ދޭނީ ވެރިކަން ކުރާ ޕާޓީގެ މެންބަރުންނެވެ. ނަތީޖާ އިއުލާން ކުރާނެ ކަމަށް ބަލަނީ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ.