ރ. ދުވާފަރު ކައުންސިލްގެ ބަޖެޓުން ބައެއް ކައުންސިލަރުންނާއި މުވައްޒަފުން އަމިއްލަ އެކައުންޓުތަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި ހިޔާނާތުގެ މައްސަލަ ދިރާސާކުރަމުންދާ ކަމަށް، އޭސީސީން ބުނެފިއެވެ.

ދުވާފަރު ކައުންސިލުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކުލެވޭ ހިޔާނާތުގެ މައްސަލަ ހާމަވީ އެލްޖީއޭއިން ނެރުނު މޮނިޓަރިން ރިޕޯޓެއްގައެވެ. އެ ރިޕޯޓުގައިވާ ގޮތުން، ދުވާފަރުގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީން ވަނީ ސިވިލް ސާވިސް ގަވައިދާއި، މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އަމަލުކޮށްފައެވެ.

އެ ރިޕޯޓުން ހާމަވި ގޮތުގައި، ދުވާފަރުގެ ކައުންސިލުން ވަނީ ކައުންސިލަރުންނަށާއި ބައެއް މުވައްޒަފުންގެ އިތުރުން އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ އަމިއްލަ އެކައުންޓްތަކަށް ޖުމްލަ 2.62 މިލިއަން ރުފިޔާ ޖަމާކޮށް، އެއްވެސް ހުއްދައެއް ނެތި ނަގުދު ފައިސާއިން ރުފިޔާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ޒަކާތުގެ ގޮތުގައި ދޭން ޖެހޭ 318،600 ރުފިޔާ ވެސް ހިމެނެއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް ވިދާޅުވި ގޮތުގައި، އެ މައްސަލަ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނަށް ހުށަހަޅައިފައެވެ. އެ މައްސަލަ މިހާރު ދިރާސާކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭއިން ނެރުނު ރިޕޯޓުގައި ވަނީ ދުވާފަރު ކައުންސިލުން ގާނޫނާ ހިލާފުވެފައިވާ 34 މައްސަލައެއް ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް ލަފާދީފައެވެ.