ދުނިޔެގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި މަންކީޕޮކްސް ބަލީގެ ކޭހެއް، އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކޮށްފިއެވެ.

ރަސްމީ މަސްދަރުތަކާ ހަވާލާދީ، އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ދިއްލީއިން މަންކީޕޮކްސްއަށް ޕޮޒިޓިވްވި މީހަކީ ގައުމުން ބޭރަށް ދަތުރުކުރި ކަމުގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ.

މަންކީޕޮކްސްއަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށާ، އެމީހާ އެޑްމިޓްކޮށްފައި ވަނީ މައުލާނާ އަޒާދު މެޑިކަލް ކޮލެޖުގައި ކަން، ހެލްތު މިނިސްޓްރީއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އެމީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ހުން އައުމުގެ އިތުރުން، ގައިގެ ހަންގަނޑަށް މައްސަލަތަކެއް ދިމާވެގެންނެވެ.

ލިބިފައި ވާ މައުލޫމަތަށް ބަލާއިރު، މިއީ އަވަށްޓެރި އިންޑިއާއިން ރެކޯޑް ކުރި، މަންކީޕޮކްސްގެ 4 ވަނަ ކޭހެވެ. މީގެ ކުރިން 3 ކޭސް ރިޕޯޓް ކުރީ ކެރަލާ ސްޓޭޓުންނެވެ. އިންޑިއާއިން މަންކީޕޮކްސް ބަލީގެ ކޭހެއް ފެނިގެން އެންމެ ފުރަތަމަ ރިޕޯޓް ކުރީ ޖުލައި 14 ވަނަ ދުވަހުއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މިހާރު ވަނީ، މަންކީޕޮކްސްއަކީ އާލަމީ ސިއްހީ ކުއްލި ނުރައްކަލުގެ ދަރަޖާގައި އޮތް ބަލިމަޑުކަމެއް ކަމުގައި ކަނޑައަޅާފައެވެ.

އަދި ބަލިޖެހިފައި ވާ އާބާދުތަކުގެ ސިއްހަތާއި، އިންސާނީ ހައްގުތަކާއި އަބުރު ރައްކާތެރި ވާނެހެން ފިޔަވަޅުތައް އެޅުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގައުމުތަކަށް ގޮވާލާފައެވެ.

މީގެ ކުރިން އެފްރިކާ ސަރަހައްދުން ފެންނަމުން ދިޔަ މަންކީޕޮކްސް، ދުނިޔެގެ އެކި ހިސާބުތަކުގައި ފެތުރެމުން ދާ ކަން ބައިނަލްއަގުވާމީ ސަމާލުކަމަށް އައީ މެއި މަހު، އިނގިރޭސިވިލާތުން ކޭސް ރިޕޯޓް ކުރި ހިސާބުންނެވެ. އޭގެ ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 75 ގައުމަކުން، 16000 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވާ އިރު، މަރުގެ 5 ކޭސް ރެކޯޑް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑް ފޮ މަންކީޕޮކްސް، ރޯޒަމަންޑް ލުވީސް ވިދާޅުވީ، މިހާތަނަށް ރިޕޯޓް ކޮށްފައި ވާ ކޭސްތަކަށް ބަލާއިރު 98 ޕަސެންޓް ކޭސް ހިއްސާ ކުރަނީ، އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ދާދި ފަހުން "ބައިވެރިޔަ" ބަދަލު ކުރި މީހުންނާއި ނުދަންނަ މީހުންނާއެކު ގުޅުން ހިންގި މީހުން ކަމަށްވެސް ލުވީސް ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ކޭސްތައް މައިގަނޑު ގޮތެއްގައި ނިސްބަތް ވަނީ، ތަރައްގީ ހިސާބުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

މަންކީޕޮކްސްއިން ދިފާއުވުމަށް މިހާރުވެސް ވެކްސިން ބޭނުން ކުރާ ކަމަށް ޑަބްލިއުއެޗްއޯގެ ވެބްސައިޓްގެ މަންކީޕޮކްސް ބައްޔާ ގުޅޭ އާންމު ސުވާލާއި ޖަވާބުގެ ބާބުގައި ހިއްސާ ކޮށްފައިވެއެވެ. އެ ވެކްސިނަކީ ދާދި ފަހުން ރުހުން ދީފައި ވާ ވެކްސިނެއް ކަމަށާ، ނުރައްކާ ބޮޑު މީހުން އެ ވެކްސިން ބޭނުން ކުރުމަށް ބައެއް ގައުމުތަކުން މިހާރުވެސް އިރުޝާދު ދެމުން ދާކަމަށް ޑަބްލިއުއެޗްއޯގެ ވެބްސައިޓްގައި ވެއެވެ.

މަންކީޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރުމަށް ހުއްދަ ދީފައި ވަނީ ދުނިޔެއިން ނައްތާލާފައި ވާ ސްމޯލްޕޮކްސް ނުވަތަ ކަށިވިދުރި ބަލިން ދިފާއުވުމަށް، ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައި ވާ ވެކްސިންތަކުގެ ތެރެއިން ވެކްސިނެކެވެ.

ކަން މިހެން އޮތް އިރު، މަންކީޕޮކްސް ވެކްސިން ޖަހަން ޑަބްލިއުއެޗްއޯއިން އިރުޝާދު ދެނީ، ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުންނެވެ. އޭގެ ތެރޭގައި، ބަލި ޖެހިފައި ވާ މީހުންގެ ގާތް ކޮންޓެކްޓުން ހިމެނެއެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ހިންގި ފަދަ އާލަމީ ވެކްސިން މަޝްރޫއަކަށް ޑަބްލިއުއެޗްއޯއިން އަދި އިރުޝާދެއް ނުދެއެވެ.