މީގެ ކުރިން ހަމަ އެކަނި އެފްރިކާ ސަރަހައްދުން ފެންނަމުން ދިޔަ މަންކީޕޮކްސް ބަލީގެ ކޭސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދަކަށް ރިޕޯޓް ކުރަމުން ދާ ދިއުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށް ގެންދިޔަ ހާއްސަ މަޝްވަރާތަކަށް ފަހު، އެ ބަލި މިހާރު ފެތުރެމުން ދަނީ އާލަމީ ސިއްހީ ކުއްލި ނުރައްކަލުގެ ދަރާޖަގައި ކަމަށް ކަނޑައަޅައިފިއެވެ.
އާލަމީ ސިއްހީ ކުއްލި ނުރައްކަލުގެ ދަރާޖައަކީ ބަލިމަޑުކަމަކާ ގުޅިގެން ޑަބްލިއުއެޗްއޯއިން އިއުލާން ކުރާ އިންޒާރުގެ އެންމެ މަތީ ގިންތި ނުވަތަ އެންމެ ނުރައްކާ ދަރަޖައިގެ އިންޒާރެވެ.
މަންކީ ޕޮކްސްއަކީވެސް އާލަމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ކަނޑައެޅުމާ ހަމައަށް އެ ދަރާޖާގައި ޑަބްލިއުއެޗްއޯއިން ގިންތި ކޮށްފައި ވަނީ 2 ބަލިމަޑުކަމެކެވެ. އެއީ 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އިތުރުން، ޕޯލިއޯ ބައްޔެވެ.
އަދުގެ ހާލަތާ ބެހޭ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާ ކުރައްވަމުން ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯސް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުން 75 ގައުމަކުން، 16000 އަށް ވުރެ ގިނަ ކޭސް މިހާރުވެސް ރެކޯޑް ކޮށްފައި ވާ ކަމަށެވެ. މަރުގެ 5 ކޭހެއްވެސް ރެކޯޑް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
މަންކީޕޮކްސްއާ ގުޅިގެން ޑަބްލިއުއެޗްއޯގެ އެމާޖެންސީ ކޮމިޓީގެ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު، ކަނޑައެޅިގެން ވަކި ނިންމުމެއް ނިންމަން ފެއިލްވެފައި ވާ ކަމަށް ޑރ ޓެޑްރޯސް ވިދާޅުވިއެވެ. ނަމަވެސް، ބަލިމަޑުކަން މިހާރު އޮތީ، ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާން ޖެހޭ ދަރާޖާގައި ކަމަށް ފާހަގަ ކުރެއްވިއެވެ.
މިހާރު ފެތުރެމުންދާ މަންކީޕޮކްސް ޖައްސާ ވައިރަހާ ބޭ މާ ބޮޑު ތަފްސީލުތަކެއް އަދި އެނގިފައި ނުވާ އިރު، ބައިނަލްއަގުވާމީ ފެންވަރުގައި ބަލި ފެތުރިގެން ދިއުމުގެ ނުރައްކާ ސާފު ކަމަށް ޑރ ޓެޑްރޯސް ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯގެ އެންމެ ފަހުގެ ހޯދުންތަކަށް ބަލާއިރު ވިލާތު ފިޔަވާ އެހެން ސަރަހައްދުތަކަށް ބަލީގެ ނުރައްކާ އޮތީ މެދު މިންވަރެއްގައި ކަމަށާ، ވިލާތު ސަރަހައްދަށް ބަލީގެ ނުރައްކާ އޮތީ އެންމެ ނުރައްކާ ދަރާޖަގައި ކަމަށްވެސް ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.
އާލަމީ ސިއްހީ ކުއްލި ނުރައްކަލުގެ ދަރަޖައަށް މަންކީޕޮކްސްގެ އިންޒާރު މަތި ކުރުމަކީ، ވެކްސިން އުފެއްދުމަށްވެސް އެޅޭ ހެޔޮ ފާލެއް ކަމަށް ޑރ ޓެޑްރޯސް ވަނީ ފާހަގަ ކުރައްވާފައެވެ.
މަންކީޕޮކްސްއިން ދިފާއުވުމަށް މިހާރުވެސް ވެކްސިން ބޭނުން ކުރާ ކަމަށް ޑަބްލިއުއެޗްއޯގެ ވެބްސައިޓްގެ މަންކީޕޮކްސް ބައްޔާ ގުޅޭ އާންމު ސުވާލާއި ޖަވާބުގެ ބާބުގައި ހިއްސާ ކޮށްފައިވެއެވެ. އެ ވެކްސިނަކީ ދާދި ފަހުން ރުހުން ދީފައި ވާ ވެކްސިނެއް ކަމަށާ، ނުރައްކާ ބޮޑު މީހުން އެ ވެކްސިން ބޭނުން ކުރުމަށް ބައެއް ގައުމުތަކުން މިހާރުވެސް އިރުޝާދު ދެމުން ދާކަމަށް ޑަބްލިއުއެޗްއޯގެ ވެބްސައިޓްގައި ވެއެވެ.
މަންކީޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރުމަށް ހުއްދަ ދީފައި ވަނީ ދުނިޔެއިން ނައްތާލާފައި ވާ ސްމޯލްޕޮކްސް ނުވަތަ ކަށިވިދުރި ބަލިން ދިފާއުވުމަށް، ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައި ވާ ވެކްސިންތަކުގެ ތެރެއިން ވެކްސިނެކެވެ.
ކަން މިހެން އޮތް އިރު، މަންކީޕޮކްސް ވެކްސިން ޖަހަން ޑަބްލިއުއެޗްއޯއިން އިރުޝާދު ދެނީ، ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުންނެވެ. އޭގެ ތެރޭގައި، ބަލި ޖެހިފައި ވާ މީހުންގެ ގާތް ކޮންޓެކްޓުން ހިމެނެއެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ހިންގި ފަދަ އާލަމީ ވެކްސިން މަޝްރޫއަކަށް ޑަބްލިއުއެޗްއޯއިން އަދި އިރުޝާދެއް ނުދެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑް ފޮ މަންކީޕޮކްސް، ރޯޒަމަންޑް ލުވީސް ވިދާޅުވީ، މިހާތަނަށް ރިޕޯޓް ކޮށްފައި ވާ ކޭސްތަކަށް ބަލާއިރު 98 ޕަސެންޓް ކޭސް ހިއްސާ ކުރަނީ، އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ދާދި ފަހުން "ބައިވެރިޔަ" ބަދަލު ކުރި މީހުންނާއި ނުދަންނަ މީހުންނާއެކު ގުޅުން ހިންގި މީހުން ކަމަށްވެސް ލުވީސް ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.
ކޭސްތައް މައިގަނޑު ގޮތެއްގައި ނިސްބަތް ވަނީ، ތަރައްގީ ހިސާބުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.