ހިތުގެ މޭޖާ ބައްޔެއް ކަމަށްވާ ޕަލްމޮނަރީ އެޓްރީޒިއާ ވިތު ވީއެސްޑީ ނުވަތަ ހިތުގެ ސާފު ލޭ ފުއްޕާމެޔަށް ދައުރުކޮށްދޭ ނާރު އުފެދިިފައި ނުވާ އަދި އިތުރު ލޯވަޅުތަކެއް ހިތުގައި އުފެދިފައިވާ ޒިވިއަން ބިން އަޝްރަފް އިބްރާހިމުގެ ހިތުގެ އޮޕަރޭޝަނަށް ތައްޔާރުވަމުން އަންނައިރު އާއިލާއިން ވަނީ މާލީ އެހީތެރިކަމަށް ބޭނުންވެފައެވެ.

ބީޓާ ތެލެސީމިއާ މޭޖާ ބަލި ތަހައްމަލު ކުރަމުން އަންނަ ރ.އަނގޮޅިތީމު، މޫނިސާ ރަޝީދު އޭނާގެ އަލަތު ދަރިފުޅު ސިޒޭރިއަން ހަދާ ނެގީ ފެން މަދު ކަމަށް ބުނެ ފެބްރުއަރީ 15، 2021 ގައި ނެގި ނަމަވެސް މާބަނޑު ދުވަސްވަރު ހެދި ޓެސްޓުތަކުން ޒިވިއަންގެ ސިއްހީ މައްސަލައެއް ހުރި ކަމަށް ދެނެގަނެވިފައެއް ނުވެއެވެ. އަދި ބަލި ދެނެގަނެވުނީ ޒިވިއަން ނޭވާލާއިރު ހުންނަ ބާރު އަޑެއްގެ ސަބަބުން ހެދި އެކޯ ޓެސްޓަކުންނާއި ސީޓީ ސްކޭންތަކުންނެވެ.

ޒިވިއަންގެ ހިތުގެ ބަޔަށް ފަރުވާ ހޯދުމަށް ކުއްޖާއަށް 6 މަސް ވުމުން ރާއްޖެއިން ބޭރަށްގޮސް ހިތުގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދިން ނަމަވެސް އޭރު ވަނީ އެކަން ކުރެވޭ ގޮތް ނުވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޒިވިއަންގެ މަންމަ މޫނިސާ ބުނީ ޒިވިއަންއަށް 7 މަހުގައި އޮޕަރޭޝަންކުރަން ރާއްޖެއިން ބޭރަށް ދިޔަ ކަމަށާއި ނާރުތައް ކުޑަ އަދި ހިމަކަމުން އޭރު އޮޕަރޭޝަންކުރުމަށް 15 ގަޑިއިރު ހޭދަވާނެ ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. އަދި އޭރު އެ އޮޕަރޭޝަން ކާމިޔާބުވާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށާއި އޭގެ 6 މަސް ފަހުން އޮޕަރޭޝަންކުރަން ދިއުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް މޫނިސާ ބުނިއެވެ.

ޒިވިއަން ބިން އަޝްރަފް އިބްރާހިމަށް އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ލިޔުން

ކުރިން އެ އޮޕަރޭޝަން ކުރަން ނިންމީ ލިސީ ހޮސްޕިޓަލުން ކަމަށާއި އެ ހޮސްޕިޓަލުގައި އެ އޮޕަރޭޝަން ކުރުމަށް ގާތްގަނޑަކަށް 7000 ޑޮލަރު ބޭނުންވާ ކަމަށް މޫނިސާ ފާހަގަކުރިއެވެ. އަދި އެ ހޮސްޕިޓަލަށް ދެ ތިން މަސް ދުވަސް ތެރޭގައި އާސަންދަ ލިބޭނެ ކަމަށް ބުނި ނަމަވެސް އަދިވެސް ނުލިބޭތީ ޒިވިއަންގެ އޮޕަރޭޝަން ކުރުމަށް މިހާރު ނިންމާފައިވަނީ އަމްރިތާއިން ހޮސްޕިޓަލުން ކަމަށް މޫނިސާ ވަނީ ބުނެފައެވެ.

މި ބައްޔަކީ ރާއްޖެއިން ފަރުވާ ދެވެން ނެތް ބައްޔެއް ކަމުން އާސަންދައިން އެ އާއިލާއަށް ވަނީ އެހީ ލިބިފައި ވާއިރު މިއަދު ވަނީ ފުރަން ހަމަޖެހިފައެވެ. ނަމަވެސް އެއީ ބޭސް ފަރުވާއަށް ލިބޭ އެހީއެއް ކަމުން މާލީ ދަތިތަކެއް ތަހައްމަލް ކުރަމުން ދާތީ މޫނިސާގެ ލޭ އެޅުމަށާއި އެހެނިހެން ހަރަދުތަކަށް ފައިސާގެ އެހީތެރިކަން ބޭނުންވާ ކަމަށް މޫނިސާ ބުނެއެވެ.

މޫނިސާ ބުނީ އެ އޮޕަރޭޝަނަށް ހޭދަވާނީ ކިހާ ދުވަހެއްކަން ބުނަން ނޭނގޭ ކަމަށާއި ޒިވިއަންގެ ހިތުގެ ބައެއް ނާރުގެ ބްލޮކް ފިލުވާ ނާރުތައް ގުޅުވުން ހިމެނޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

"އޮޕަރޭޝަން ހޭދަވާނެ ދުވަހެއް ނޭނގެތާ ދޯ. އޯޕަން ހާޓް ސާޖަރީއެކޭ ބުނީ. އެންމެ ސާޖަރީއަކުންވެސް ނުވާނެއޭ ބުނީ. ކުދި ކުދި ނާރުތަކުގެ ތެރެއިން 3 ނުވަތު 4 ނާރަކުން މިހާރު އޮކްސިޖަން ލިބެނީ. އެ ނާރުގެ ތެރެއިން 2 ނާރު އިނީ ބްލޮކްވެފަ. ފުރަތަމަ ޖެހެނީ އެ ނާރުތަކުގަ ހުރި ބްލޮކް ފިލުވާފަ އެ ހުރިހާ ކުދި ނާރެއް އެއްކޮށްފަ އާޓްރީއާ ގުޅުވަންށޭ ބުނީ، މަލްޓިޕްލް ސާޖަރީތަކެކޭ ބުނީ ސްޓެޕް ބައި ސްޓެޕްއޭ ކުރެވޭނީ ބުނީ، ނާރުތައް ފިކްސް ކޮށްފަ ލޯވަޅަށް ދެވޭނެ ވާހަކަ ބުނީ"
ޒިވިއަންގެ މަންމަ, މޫނިސާ ރަޝީދު

ކުރިއެކޭ އެއްގޮތަށް މިހާރުވެސް ވަރަށް އަވަހަށް ވަރުބަލިވެ ގުނބު ހިލޭ ކަމަށާއި ނޭފަތުން ހޮޑު އައުމަކީ ޒިވިއަންގެ މިއަދުގެވެސް ހާލެވެ. އޭގެ އިތުރުން މިހާރު ޒިވިއަން އަޅާލުން ކުޑަކަވެ، ވާހަކަނުދައްކާކަން ފާހަގަކުރަމުން މޫނިސާ ބުނީ ސްޕީޗް ތެރަޕިސްޓަކަށް ދެއްކި ކަމަށެވެ. އަދި ޒިވިއަންގެ އަޅާލުމާއި ވާހަކަދެއްކުން ހުންނަނީ 9 މަހުގެ ކުއްޖެއްގެ ވަރަށް ކަމަށާއި އެއީ ޑިސްއޯޑާއެއް ކަމެއް ނުވަތަ ލަސްވުމެއް ކަމެއް އަދި ބުނަން ނޭނގޭ ކަމަށް މޫނިސާ ކިޔައިދިނެވެ.

ޒިވިއަން ބިން އަޝްރަފް އިބްރާހިމް

ޒިވިއަންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރާ ފަރާތްތަކަށް އާއިލާގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ޒިވިއަންއަށް އަވަސް ޝިފާއެއް މިންވަރުކޮށްދިނުމަށް ދުއާ ކޮށްދިނުމަށް އާއިލާއިން ވަރަށް ބޮޑަށް އެދެއެވެ.

ޒިވިއަންގެ މަންމަގެ އެދުމަކީ ބޮޑުވެގެން އަންނައިރު އެހެން ކުދިންނެކޭ އެއްގޮތަށް ހަރާކާތްތެރިވެ އުޅެވޭ ކުއްޖަކަށް ޒިވިއަންވުމެއެވެ. މޫނިސާގެ މި އެދުން ފުރިހަމަ ކޮށްދެވެން އޮތީ އެތަށް ބައެއްގެ އެހީތެރިކަމާއި އެކީގައެވެ. ޒިވިއަންއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް ޒިވިއަންގެ މަންމަ ޒިވިއަންގެ މަންމަ، މޫނިސާ ރަޝީދަށް ވައިބާ މެދުވެރިކޮށް 7688890 ނުވަތަ ޒިވިއަންގެ ބޮޑުދައިތަ، ފާތިމަތު ރަޝީދާ 7907100 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުން އެދެމެވެ.

'ދަ ޕްރެސް'ގެ ދުއާއަކީ ޒިވިއަން ބިން އަޝްރަފް އިބްރާހިމްއަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.