ރާއްޖެއަށް މިއަހަރު އައި ފަތުރުވެރިންގެ ޖުމުލަ އަދަދު 9 ލައްކަ އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މި މަހުގެ 20 ގެ ނިޔަލަށް 900،808 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1،321،932 ފަތުރުވެރިންނެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައި ވަނީ އިންޑިއާއިންނެވެ. އެގައުމުން 123،687 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ރާއްޖެއަށް 98،621 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ރަޝިޔާއިން 84،570 ފަތުރުވެރިން ވަނީ އައިސްފައެވެ.

މީގެ ތެރޭގައި ޖެނުއަރީ މަހު 131،764 ފަތުރުވެރިން، ފެބްރުއަރީ މަހު 149،008 ފަތުރުވެރިން، މާޗް މަހު 150،739 ފަތުރުވެރިން، އެޕްރީލް މަހު 13 145،280 ފަތުރުވެރިންގެ އިތުރުން މެއި މަހު 125،522 ފަތުރުވެރިން، ޖޫން މަހު 110،889 ފަތުރުވެރިން އަދި ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 87،597 ފަތުރުވެރިން ހިމެނެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 57،487 އެނދު ހުރިއިރު އޭގެތެރޭގައި 170 ރިސޯޓުގައި ހުރި 39،331 އެނދު، 850 ހޮޓެލް، ގެސްޓްހައުސްގައި 15،218 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2924 އެނދު ހިމެނެއެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ.